ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުވީ 150،000 އެއްހާ ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން 5 ވަނަ ދުވަހަށް އިނގިރޭސިވިލާތަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އެއްވެސް ތަފުސީލެއް ނުދީ ރައީސް އޮފީހުން ބުނީ އެ ދަތުރަށް ހަރަދުވީ ޖުމްލަ 153,589.92 ރުފިޔާ ކަމަށެވެ.

އެ އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅަކީ ލިވަޕޫލް ފުޓްބޯޅަ ކްލަބް (އެލްއެފްސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ- ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން، މި ދަތުރުގައި ލިވަޕޫލްގެ އެކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށް މަޝްވަރާ ކުރެއްވިކަމަށް އެ އޮފީހުން ހާމަކުރެ އެވެ. ރައީސް ވަނީ މިދަތުރުގައި އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައިވެ އެވެ.

ރައީސްގެ މި ދަތުރުގެ ތެރޭގައި ލަންޑަނުގައި ހުންނަ ނަންބަރު 10 ގްރޭޓް ރަސެލް ސްޓްރީޓް، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން ޔޫކޭ އާ އަލުން ހަވާލުކުރެއްވިކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.