އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑަށް ފަރުވާދޭން އުފެއްދި ވެކްސިން ޖެހުމުން ލޭ ގަނޑުވާ ސަބަބު ސައިންސްވެރިން ހޯދައިފި އެވެ.

ޔޫރަޕުގެ ސައިނަސްވެރިންގެ ދިރާސާއަކުން ދެއްކި ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ވަރަށް މަދުން ދިފާއީ ނިޒާމުން އެ މީހުންގެ އަމިއްލަ ލޭގެ ޕްލޭޓްލެޓްސްތަކަށް ހަމަލަދިނުމުން ސިކުނޑީގައި ލޭ ގަނޑުވުން އުފެދެ އެވެ.

ޖަރުމަން އަދި ނޯވޭގައި ކުރިޔަށް ގެންދިޔަ ދެ ދިރާސާއަކުން އެހެން ދިމާވާކަމަށް ދައްކާ ކަމަށް ބުނެފައިވެ އެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށްފަހު ސިކުނޑީގައި ލޭގަނޑުވާނަމަ ބޮލުގައި ރިއްސަައި، ބޯ އެނބުރުން، ފެނުން ދަށްވުން ފަދަ ކަންތައްތައް ދިމާވާނެ ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި މިކަމަކީ އާދައިގެ ލޭ ޓެސްޓަކުން ވެސް އެނގޭނެ ކަމެކެވެ. އަދި ލޭތުނި ކޮށްދޭ ބޭހަކުން މިކަން ރަނގަޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަރުމަނުންގެ ސައިންސްވެރިން ބުނި ގޮތުގައި ދިރާސާއިން ލިބިފައިވާ ނަތީޖާއިން އެނގެނީ މީހުން އެ ވެކްސއިން ޖެހުމަށް ފަސްޖެހިގެން ނުވާނެ ކަމާއި އެ ވެކްސިންނަކީ ރައްކާތެރި ވެކްސިނެއް ކަމެވެ. ނަމަވެސް ނޯވޭއިން ވަނީ އިތުރު ތަހުގީގުތައް ނިމެންދެން ވެކްސިން ޖެހުން މެދުކަނޑާލާފަ އެވެ.

ޔޫރަޕުގެ 12 އަށްވުރެ ވުރެ ގިނަ ގައުމުން ވަނީ މިދިޔަ ހަފްތާގައި އެ ވެކްސިން ޖެހުން މެދުކަނޑާލާފައެވެ. އެ ގައުމުތަކުން ވެކްސިން ދިނުން މެދުކަނޑާލީ "ސެރިބްރަލް ސައިނަސް ވެއިން ތްރޮމްބޯސިސް" ގެ 30 ކޭސް ފެނުމާ ގުޅިގެންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ 55 އަހަރުން މަތީ މީހުންނެވެ.

ދިރާސާއިން ދައްކާ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާ ކޮންމެ ދެ މިލިއަން މީހުންގެ ތެރެއިން އެކަކަށް ލޭގަނޑުވުން ކުރިމަތިވެދާނެ ކަމަށް ބެލެވެ އެވެ.

އެސްޓްރާޒެނެކާއިން ގަބޫލުކުރާ ގޮތުގައި ލޭގަނޑުވާ މިންވަރަކީ އާންމުގޮތެއްގައި ވެސް ދުނިޔޭގައި ލޭގަނޑުވާ އަދަދަށް ވުރެ ގިނަ އަދަދެއް ނޫނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޭގަނޑުވުން ދިމާ ވަނީ ވެކްސިންނުން އުފައްދާ އެންޓިބޮޑީސްތަކަށް އޮޅިގެން ލޭގައި ތިބޭ ޕްލޭޓްލެޓްތަކާ ހަމަލަދިނުމުން ހަށިގަނޑުން މާގިނައިން ޕްލޭޓްލެޓް އުފެއްދުމުންނެވެ. ނަމަވެސް މިހެން ވަނީ ކީއްވެ ކަމެއް އަދި ކަމާބެހޭ ފަރާތްތަކަށް ހޯދިފައެއް ނުވެ އެވެ.

ސައިސްވެރިން ބުނިގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާ މީހުން ވެކްސިންޖެހުމުގެ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ދުޅަވުމާއި، ބޮލުގައި ރިއްސުމާއި ގައިގާ ބާރުދޫވޭތޯ ބަލަންވާނެ އެވެ. މިފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ.

ޖަރުމަން، ފްރާންސް އަދި އިޓަލީން ވަނީ އެސްޓްރާޒެނެކާ ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު ނޯވޭ، ސްވިޑެން، ޑެންމާކްގައި ވަނީ ވެކްސިން ދިނުން މެދުކަނޑާލާފަ އެވެ.

އެސްޓްރާޒެނެކާއަށް އަދިވެސް އެމެރިކާގެ ރެގިއުލޭޓަރީ ހުއްދައެއް ނުލިބެ އެވެ. އަދި މިހާރު މިވެކްސިން އިން ދިފާއުވާ މިންވަރު 79 ޕަސެންޓުން 76 ޕަސެންޓަށް ދަށްވުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.