ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވި ކަމަށް ބުނެ ޖޭއެސްސީން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ޖޭއެސްސީން ތުހުމަތު ކުރަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބަށް އެ ދެ ބޭފުޅުން ނުފޫޒުފޯރުވި ކަމަށެވެ. އެ ތުހުމަތު ކުރަނީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ބުނެ އެވެ.
އެ މައްސަލައިގެ ފަހު އަޑުއެހުންތައް މިއަދު ބާއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކޮށްފައިވަނީ ހެނދުނު 10:00އަށެވެ. އަދި މަހާޒު ހާޒިރުކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ.
ދެ ފަނޑިޔާރުން ނުފޫޒުފޯރުވި ކަމަށް ބުނެ ދޮގު ބަޔާނެއް ދިނުމަށް ގާޒީ ސޮފްވަތާއި ގާޒީ އިބްރާހީމް ޒިހުނީއަށް ސަރުކާރުން ވަނީ ޑިމާންޑްކޮށްފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން އެކަމަށް އެއްބަހެއް ނުވި އެވެ. ސޮފްވަތާއި ޒިހުނީގެ ބަޔާން ސަރުކާރުން ބޭނުންވި ގޮތަށް ނުލިބުމުން އަޒްމިރަލްދާގެ އިތުރު މައްސަލައެއް ބަލަން މިހާރު ވަނީ ނިންމާފަ އެވެ.
ފަހުން ބަލަން ނިންމީ އަޒްމިރަލްދާގެ ގާނޫނީ ވަކީލު ބަޔާން ނެރުމަކީ ކުށެއް ކަމަށް ބުނެ އެވެ.
އަޒްމިރަލްދާ އާއި މަހާޒު ސަސްޕެންޑުކޮށްފައި ވަނީ ސަރުކާރުގެ އެންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ލައްވައި ނެތް މައްސަލައެއް އުފަންކޮށްގެނެވެ.