ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އޮފީހުގެ ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ސުލޫކީ މައްސަލަ ބަލައި ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން ދެ ޕްރޮސިކިޔުޓަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި ޕީޖީ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަޚުލާގީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއް ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.
"ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-73) ގެ ދަށުން މި އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މި އޮފީހުގެ 2 ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް މި އޮފީހުން ނިންމާފައިވާނެ،" އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ފުލުހުން ވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.