އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް ގެނައި ބަދަލުތައް މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން، ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރާއިރު، އެކަމަށް އެދި ހުށަހަޅާ ހުއްދައާ އެކު، ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހެ އެވެ.
އޭގެ ތެރޭގައި އުޅަނދު ގުދަން ކުރުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމް ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއަކާއި އުޅަނދު އެެތެރެކުރާ މީހާގެ އައިޑީކާޑާއި ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހިމެނެ އެވެ. ހެވީ ވެހިކަލެއް ނަމަ މެނުފެކްޗާ ސެޓްފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އާއި އެކްސްޕޯޓް ސެޓްފިކެޓު އަދި ބޭނުންކޮށްފައިވާ ޑީރެޖިސްޓާޑް އުޅަނދެއް ނަމަ އެ ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.
ގަވާއިދުގައި ބުނީ، އުޅަނދު ބާއްވާ ތަނަކީ އުޅަނދު ބޭއްވުމަށް ކަމާ ބެހޭ އިދާރާއަކުން ހުއްދަދީފައިވާ ގަރާޖަކަށް ވާން ޖެހޭ ކަމަށާއި އެ ތަންތަނުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަން ވާނެ ކަމަށެވެ.
އެކަމަކު އެ ލިޔުންތައް ހުށަހެޅިޔަސް ހުއްދަ ދޫކުރާނީ އުމުރު ހަމަނުވާ އުޅަނދުތަކަށް ކަމަށް ގަވާއިދުގައިވެ އެވެ.
އާ އިސްލާހުގައި ވަނީ، ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށް ނުދެވޭނެ އުމުރުތައް ވެސް ކަނޑައަޅައިފަ އެވެ.
ރަޖިސްޓްރީކޮށް ނުދެވޭނެ އިންޖީނުލީ އުޅަނދުގެ އުމުރު:
- ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
- އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
- އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު، ވޭން، ބޭސް ލޭންޑްރޯވާ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
- އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
- އުފެއްދި އަހަރުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު.
އެ އުމުރަށް ނުފެތޭ އެއްވެސް އުޅަނދެއް ރާއްޖެ އަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައި ވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެެެއްގަމު އުޅަނދުފަހަރު، އެ ގަވައިދުގެ އެނެކްސް 6 (މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ހުއްދަ ދިނުމާއި ރަޖިސްޓްރީ ކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބޭ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.