މި ފޮޓޯތައް ފެނުމުން އެންމެ ފުރަތަމަ މިއީ ރާއްޖެކަމަށް ގަބޫލު ވެސް ނުކުރެވުނެވެ. ހީވަނީ ޖަޕާނުގެ މަންޒަރެއް ހެނެވެ.
މާލޭގައި ގާޒީ ބިލްޑިންގެ ފުރަގަހުގައި ހުރި ގަސްތަކުގައި މަޑު ފިޔާތޮށި ކުލަ އާއި ހުދު ކުލައިގެ މާތަކުން ފުރިފައި އޮތް އިރު ހީވަނީ ޖަޕާނުގެ މަޝްހޫރު މަލުގެ ވައްތަރެއް ކަމަށްވާ ޗެރީ ބްލޮސޮމްސްތަކެއް ހެންނެވެ. އެކަމަކު މިއީ އަދި ޗެރީ ބްލޮސޮމެއް ނޫނެވެ. މި ގަހަށް ކިޔަނީ "ޓަބިބޫޔާ ރޯސީ" އެވެ.
މި ހިތްގައިމު މަންޒަރު ބަލާ ފޮޓޯ ނަގާލަން ގިނަ ބަޔަކު، މާލޭގައި އެ ގަސްތައް ހުރި ސަރަހައްދަށް ގޮސްފައިވެ އެވެ. މިއީ ރާއްޖޭގައި އާންމުކޮށް ވަރަށް ގިނައިން ހެދިފައި ހުންނަތަން ފެންނަ ގަހެކެވެ. އެހެން ނަމަވެސް މި ގަހަށް ކިޔާ ދިވެހި ނަން އަދި ޔަގީނެއްނުވެ އެވެ.
މި ވައްތަރު ގަހުގައި ވަކި މޫސުމަކާ ދިމާކޮށް އާދަޔާ ހިލާފަށް ގިނައިން މާ އަޅަ އެވެ. އަދި ބައެއް ފަހަރު ފަތަށް ވުރެ މާ ގިނަ ކަމަށް ވެސް ދައްކަ އެވެ.
އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި މި ގަސްތަކުގެ ވާހަކަ މަޝްހޫރު ވީ ހަސަން ވަހީދު ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ލިޔުނު ޕޯސްޓަކާއި އެކީގަ އެވެ.
އޭގައި ގަސްތަކުގެ ފޮޓޯއާ އެކު ގަހުގެ ފޮޓޯ ހިމަނަމުން އެދިފައި ވަނީ މާލޭގެ ބޭރުމަގުގެ އެކި ހިސާބުތަކުގައި މި ވައްތަރުގެ ގަސް އިންދުމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ މަގުމަތީގައި ހުރި މި ވައްތަރުގެ ގަސްތައް ވެސް އޮތީ މަލުން ފުރިފަ އެވެ. ގިނަ ބަޔަކު ދަނީ މި ގަސްތައް ހުންނަ ސަރަހައްދަށް ޖަމާވެ، ފޮޓޯ ނަގާ އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
މި ވައްތަރުގެ ގަސްތަކެއް ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައި ވެސް އެބަހުއްޓެވެ. ނަމަވެސް އެތައް ޒަމާނެއްވީ ގަސްތަކެއް ކުއްލިއަކަށް މިފަހަރު އެންމެންގެ ލޮލުގައި އަޅައިގަތީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމަކު ވެސް މިއީ ވަރަށް ހިތްގައިމު މަންޒަރެކެވެ.