ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން މެދުކެނޑުމެއް ނެތި ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށްފަހު ވެސް، އިޒްރޭލު ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާކުރާ ބިލު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ގޮވާލައްވައިފި އެވެ.
އިއްޔެ މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ގޮތް ހިއްސާ ކުރައްވަމުން އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހުށަހަޅާ އިސްލާހު މިހާރު އޮތް ގޮތަށް ވެސް ފާސްކުރަން ތާއީދު ކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް، މިހާރު އިސްލާހުގައިވާ ގޮތުން ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ހާއްސަކޮށް އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާއި މެދު އެ ހިންގާ ލާއިންސަނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެފަދައިން ނުހެދޭނެ ގޮތަކަށް އިސްލާހުގައިވާ އިބާރާތް ބަދަލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް އަޒާން ވިދާޅުވި އެވެ.
މިއާއެކު އަޒާން ވަނީ މިކަމުގައި ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާއި އެންމެހާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އެދިވަޑައިގެންފަ އެވެ.
އިޒްރޭލްގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި މި އިސްލާހު ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީ މަރުހަލާގައި ބޭއްވުމަށްފަހު މި މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމާފައި ވަނީ އިއްޔެ އެވެ.