ރާއްޖޭގެ ރަށެއްގައި ކުށެއްގެ ތުހުމަތު ކުރެވުނު މީހަކު ބޮލަށް ކުލަ ޓައްޕެއް އޮއްސައިލުމަށްފަހު، އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ދަނީ ދައުރު ކުރަމުންނެވެ.
ގިނަ ބަޔަކަށް އެކަން މަޖާ ކަމަކަށް ވި އެވެ. އަނެއް ބަޔަކު ބުނީ އެއީ ހަމަ ހަދަންވީގޮތް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ މިކަން ކުރި ބަޔަކު އެކުރީ ވަރަށް ނާތަހުޒީބު އަދި ލާއިންސާނީ އަމަލެއް ކަމަށް ބުނެ ފާޑުކިޔާފަ އެވެ.
މަދުން ނަމަވެސް ރާއްޖޭގައި ކުށްތަކަށް އަރައިގަންނަ ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ރައްޔިތުން އަދަބުދީ ބޭޒާރު ކުރުން ދަނީ އާއްމު ވަމުންނެވެ. ސުވާލަކީ މިހެން ކަންކުރުމަކީ ހަމަ އިންސާފުތޯ އެވެ؟
ވައްކަން ކުރި މީހާގެ ބޮލަށް ކުލަޓައްޕު އަޅައިލުމަކީ މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން ފިހާރައަކުން ވައްކަން ކުރުމުން އާއްމުން ނުކުމެ ތަޅައި މީހާ ލައިގެން ހުންނަ އެއްޗެހި ބާލުވައި ވީޑިއޯ ކޮށްފައި ވެސް އެބަހުއްޓެވެ. މީގެ އިތުރުން ތަނަކަށް ބިލު ނުދެއްކުމުން ކަމަށް ބުނެ ކުކުޅު ކޮށްޓެއް ފަދަ ތަނަކަށް ލައި ދެމީހަކު ބަންދުކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީގެ ކުރިން އާއްމުވި އެވެ. މީގެ އިތުރުން ވެސް މިފަދަ އެތައް ކަމެއް މުޖުތަމައުގައި ދަނީ ތަކުރާރުވަމުންނެވެ.
ރާއްޖެއަކީ 2007 ވަނަ އަހަރުން ފެށިގެން ފެހި ގާނޫނު އަސާސީއަށް އަމަލުކުރަމުން އަންނަ ގައުމެކެވެ. ގާނޫނުގައި އިންސާފު ގާއިމުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށް އިދާރާތައް ކަނޑައަޅައި އަދަބުތައް ވަނީ ބަޔާން ކޮށްފަ އެވެ. ރާއްޖެއިން ވަނީ އިންސާނީ ހައްގުތަކާއި މިފަދަ އެހެނިހެން މުއާހަދާތަކުގައި ބައިވެރިވެ، އިންސާނީ ކަރާމާތައް އިހުތިރާމް ކުރުމާއި އެންމެނަށް ވެސް ރައްކާތެރިކަމާއި އިންސާފުގާއިމު ކުރުމުގެ ހައްގުތައް ކަށަވަރު ކޮށްދީފަ އެވެ. މިހެން މިކަން އޮތްއިރު އާއްމު ރައްޔިތުން އަދަބު ކަނޑައެޅުމުގެ ހަމައަކީ ކޮބައިތޯ އެވެ.
މިކަމަށް އެކި ފަރާތްތަކުގެ ހިޔާލު ތަފާތެވެ. އެގޮތުން ބައެއް މީހުން ބުނާގޮތުން މިފަދަ އަމަލުތައް ކުރަނީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ފެއިލްވުމުންނެވެ.
"ކުށެއްގެ ތުހުމަތުގައި ބަންދުކުރުމުން އިރުކޮޅަކުން އެމީހަކު އެބަ ދޫކޮށްލައި، އަނެއް ދުވަހު އެމީހާ އަނެއްކާވެސް އެކުށް ތަކުރާރުކުރޭ،" އާއްމުން މިފަދަ އަމަލުތައް ކުރުމާ ގުޅޭގޮތުން މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ. މިގޮތަށް ކަންކަން ވުމުން ރައްޔިތުން އިދާރަތަކަށް ކުރާ އިތުބާރު ގެއްލި ބައެއް ފަހަރު އަމިއްލައަށް އަދަބު ދޭ ކަމަށް މީހަކު ބުނެފައިވެ އެވެ.
ނަމަވެސް އެއްވެސް ހާލެއްގައި ގާނޫނު އަތްމަށްޗަށް ލައި، އާއްމުން އަދަބު ދިނުމަކީ ތަހުޒީބު މުޖުތަމައެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފަދަ އަމަލުތައް ތަކުރާރު ކުރާނަމަ އެދެވެނީ ވަރަށް ގޯސް މެސެޖެކެވެ. އެއީ އަޅުގަނޑުމެން އެތައް ފިޔަވަޅެއް ފަހަތަށް އެޅުންފަދަ އަމަލުތަކެވެ. އެފަދަ އެންމެހާ ލާއިންސާނީ އަމަލުތަށް ކުރުމުން ދުރުހެލިވެ ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމަކީ އެންމެންގެ ޒިންމާއެކެވެ.
އެގޮތުން އެފަދަ ކުށްކުރާ މީހުންނަށް ގާނޫނުން ދޭންޖެހޭ އަދަބު ދިނުމަށް އިދާރާތަކައި ހަވާލު ކުރާށެވެ. މީގެ އިތުރުން މީހުނަށް ލާއިންސާނީ އަނިޔާ ދޭ މީހުން ކުރާ ކަންކަމަށް އެއްވެސް ހާލެއްގައި ތައުރީފު ނުކުރާށެވެ. އޭގެ ބަދަލުގައި އެމީހުންނަށް ވިސްނައިދީ އެފަދަ ކަންކަމުން ދުރުވުމަށް ހޭލުންތެރިކޮށްދޭށެވެ.