އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިދިޔަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލް ފާސްކޮށްފައި މި ވަނީ ކޮމެޓީގެ މަރުހަލާގައި މި ބިލު ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ބިލު ފޮނުވިތާ 308 ދުވަސް ފަހުން ކޮމިޓީން ބިލާ މެދު ގޮތެއް ނިންމާފައި ވަނީ އިއްޔެ އެވެ.

ކޮމިޓީން އިއްޔެ ބިލު ފާސްކޮށްފައިވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލައިންސާނީ އަމަލުތައް ހުއްޓަންދެން އެގައުމުގެ ޕާސްޕޯޓް މަނާކުރާ ގޮތަށެވެ.

މީގެ އިތުރުން ވެސް މޯލްޑިވްސް އިމިގްރޭޝަނުން ދިން ލަފާ އާއި އެއްގޮތަށް އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކޮށް، ހަމައެކަނި އިޒްރޭލު ޕާސްޕޯޓް ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް މަނާވާ ގޮތަށް ބިލަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓާއި ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީ މެންބަރުން މި އިސްލާހާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރެއްވި ނަމަވެސް މި ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.