ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ ނާދެވޭ ގޮތަށް ނިންމުމުން ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރާއްޖެ އަށް މަރުހަބާ ކިޔައިފި އެވެ.
ހަމާސް އިން ރާއްޖޭގެ މި ނިންމުމަށް މަރުހަބާ ކިޔާފައި ވަނީ އެ ޖަމާއަތުން ނެރުނު ނޫސްބަޔާނެއްގަ އެވެ.
މިގޮތުން ހަމާސް ގެ ނޫސްބަޔާނުގައި ބުނީ މިއީ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރާއްޖޭގެ ފަރާތުން ނެގި ހިތްވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
މިއާއެކު ހަމާސް އިން ވަނީ ރާއްޖެއެކޭ އެއްފަދައިން އެހެން ގައުމުތަކުން ވެސް މިފަދައިން އަމަލުކޮށް އިޒްރޭލްގެ ލާއިންސާނީ އަމަލުތަކަށާއި، އިޒްރޭލުން ހިލާފުވެފައިވާ ބައިނަލްއަގުވާމީ ގާނޫނުތަކަށް އެމީހުން ޒިންމާ ކުރުވުމަށް ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިދިޔަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެއެވެ. މި ބިލު މަޖިލީހުން ފާސްކުރުމާއެކު ރައީސް މުހައްމަދު މުއިއްޒު ވަނީ މި ބިލު ތަސްދީގު ކުރައްވާފަ އެވެ.