މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލަ ފޮރުވަން އުޅޭތީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު މަގާމުން އިސްތިއުފާ ދޭން ގިނަ ބަޔަކު ގޮވަން ފަށަައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން އާއި ދާއޫދު އިސްތިއުފާ ދޭން ގޮވާލައި އަޑުއުފުލަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު މައްސަލަ އޮއްބާލަން ފުލުހުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށެވެ.
މިކަމާ ގުޅިގެން އަމީން ރޭ އެކްސްގައި ވިދާޅުވީ ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއާ ގުޅުމެއް ނެތް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން އެއްވެސް ބޭފުޅަކަށް ގުޅުއްވައި ނުވަތަ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އަމީން ވިދާޅުވީ އޭނާ ދިރިއުޅުއްވާ އިމާރާތުގައި ހުކުރު ދުވަހުގެ ރޭ ދަންވަރު "ގެދަރިން"އެއް ނުވަތަ ހަރަކާތެއް ބޭއްވި ކަމަށެވެ.ނަމަވެސް އަމީން ވިދާޅުވީ އެއީ އޭނާގެ އެކަނި އިމާރާތެއް ނޫން ކަމަށާއި އެ އިމާރާތުގެ ވެރިންގެ ގޮތުގައި އޭނާގެ އިތުރުން ތިން ބެއިން ވެސް ތިބޭ ކަމަށެވެ."އެ ހަރަކާތް ކުރިއަށްގެންދިޔައީ އަޅުގަނޑު ދިރިއުޅޭ އެޕާޓްމަންޓުގައެއް ނޫން. އެ ހަރަކާތާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް އެނގިފައެއް ނުވޭ އަދި އެޕާޓްމަންޓުގެ ބޭރުގައި ހިނގާ ކަންކަމަށް އަޅުގަނޑުގެ އެއްވެސް ބާރެއް ވެސް ނުފޯރާނެ،" އަމީން ވިދާޅުވި އެވެ.
މިދިޔަ ހުކުރު ވިލޭރޭ ފުރަތަމަ އެ އަންހެން ކުއްޖާ ގޮވައިގެން އުޅުނީ ޓްރާންސް މިނިސްޓަރު އަމީންގެ މއ. މާންދޫގެ ދެކުނުގެ ގޭގަ އެވެ. އެ ގޭގައި ބޭއްވި "ޕާޓީކުރުމުގައި" މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ އިޒްދިޔާން މުހައްމަދު މައުމޫން އަދި ޔޫސުފް އަހުމަދު އަކުރަމްގެ އިތުރުން ވެއްޓުނު އަންހެން ކުއްޖާ ވެސް ހިމެނޭހެން ހަ މީހަކު ދިޔަ ކަމަށްވެ އެވެ.
ނަމަވެސް ފުލުހުން އިއްޔެ ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ އެ އަންހެން ކުއްޖާ ގޮވައިގެން ގޮސް ހުކުރު ވިލޭރޭ އުޅުނު ޓްރާންސް މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ ނަން ސިއްރުކޮށްފަ އެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ ނަންތައް ވެސް ވަނީ ސިއްރުކޮށްފަ އެވެ.
އެ ގްރޫޕްގެ ތެރޭގައި އުޅުނު އެ އަންހެންކުއްޖާ ފުރާޅުމައްޗަށް ވެއްޓުމުން ދާއޫދު އަޅާނުލައި ދިޔަ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އަދި އެކަމާ ގުޅޭ އެއްވެސް ތަހުގީގެއް ނުހިންގައި މަގާމުން ވަކި ނުކުރާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ދާއޫދަކީ ސަރުކާރުން އުފައްދާ ފައިވާ ޒުވާނުންގެ ލަފާ ދޭ ކޮމިޓީގެ ރައީސް ވެސް މެ އެވެ. މިކަމާ ގުޅިގެން އެ ކޮމިޓީގެ ނައިބު ރައީސް ނަޒާހާ ނަސީމް ވަނީ ދާއޫދު މިއަދު އިރުއޮއްސި 6:00 ގެ ކުރިން މަގާމުން ވަކި ނުކޮށްފިނަމަ އޭނާ މަގާމުން އިސްތިއުފާ ދޭނެ ކަމަށެވެ.
މި ހާދިސާ ހިނގުމުން ހިއުމަން ރައިޓްސް ކޮމިޝަން، ޖެންޑާ މިނިސްޓަރު އަދި ސަރުކާރުގެ ކަމާ ބެހޭ އެހެން އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައި ދިނުމުގައި އެއްވެސް ކަމެއް ސިއްރު ނުކުރުމަށް ގޮވާލަމުންނެވެ.
މި މައްސަލާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭ މަގުމައްޗަށް ނުކުމެ ފުލުހުންނާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.