ވޯޓު ލާން ދާ ކޮންމެ މީހެއްގެ އިނގިލީގައި މާކަރަކުން ފާހަގައެއްލަ އެވެ. ވޯޓުލާ މީހުން ވޯޓު ލާ ތަން ޕާޓީގެ އޮބްޒާވަރުން ބަލަހައްޓައިގެން ތިބެ އެވެ. ވޯޓު ގުނާއިރު ވީޑިއޯކޮށް އެތައް ބަޔަކު އެ މަންޒަރު ރިކޯޑުކުރެ އެވެ. އެކަމަކު ވެސް ވޯޓުލުން ނިމި ނަތީޖާ ފާޅު ކުރުމާއެކު ވޯޓު އޮޅުވާލިކަމުގެ ތުހުމަތާއި ދައުވާތަކަށް ނިމުމެއް ނާދެ އެވެ. އެކަން އެގޮތަށް އޮތް ކަމުގައި ވިޔަސް ރައީސް މުހައްމަދު މުއިއްޒު މި ވަނީ ރާއްޖޭގެ ވޯޓުލާ ނިޒާމު ބަދަލުކޮށްލައި އޮޅުންބޮޅުން ބޮޑު ސިސްޓަމެއް ތައާރަފު ކުރަން ނިންމަވާފަ އެވެ. ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ދާން ޖެހޭ ޖެހުމަށް ނިމުން ގެނައުމެވެ.
ޕްރިފަރެންޝަލް ވޯޓަކީ ކޮބާ؟
ޕްރިފަރެންޝަލް ވޯޓިން ނިޒާމަކީ މަގާމަށް ހޮވަން އެންމެ ބޭނުންވާ މީހާއަށް ވޯޓު ދިނުމުގެ ބަދަލުގައި ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ދަރަޖަކުރަން ވޯޓުލާ މީހުންނަށް ޖެހޭ ނިޒާމެކެވެ. އެގޮތުން ކެންޑިޑޭޓުންގެ ލިސްޓުގައި ހުންނަ ނަންތައް ވޯޓުލާ މީހާ ބޭނުން ތަރުތީބަކުން ދަރަޖަ ކުރާނީ އެވެ. އެ ދަރަޖަ ކުރުމަށް ފަހު ފުރަތަމަ ގުނާ ގުނުމުން އެއްވެސް މީހަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ލިސްޓުގެ އެންމެ ފަހަތުގައި އޮންނަ މީހަކު އުނިކޮށް އެ މީހާގެ ވޯޓު ދެވަނައަށް ދަރަޖަ ކުރި މީހަކަށް ދީގެން ބަހާލުމަށްފަހު އަލުން ގުނާނީ އެވެ. މިފަދައިން ފަހަރަކު މީހަކު ލިސްޓުން ބާކީ ކުރަމުން ގޮސް އެކަކަށް އަޣުލަބިއްޔަތު ލިބެންދެން ވޯޓު ގުނުމުގެ ބުރުތައް ކުރިޔަށް ގެންދާނެ އެވެ.
ދިމާވާނެ ގޮންޖެހުންތައް:
- ހޭލުންތެރި ކުރުވުން
ޕްރެފަރެންޝަލް ވޯޓިން ނިޒާމް ތައާރަފު ކުރުމަކީ ގޮންޖެހުންތައް ގިނަ ކަމެކެވެ. ޒަމާނުއްސުރެ ސީދާ ނަތީޖާ ލިބޭ ނިޒާމަކުން މިފަދަ ނިޒާމަކަށް ބަދަލުވާއިރު ރައްޔިތުންނަށް ކަމާ ބެހޭ މައުލޫމާތު ފުރިހަމަޔަށް ލިބިފައި އޮންނަން ޖެހެ އެވެ. އެވަރުގެ ބޮޑު ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަކީ ވަގުތާއި ޚަރަދާއި ތަޖުރިބާކާރުންގެ ޚިދުމަތް އެކަމަށް ބޭނުންވާނެ ކަމެކެވެ. ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގައި ރައްޔިތުންނަށް އެ ނިޒާމު ރަނގަޅަށް އަހުލުވެރި ނުވެ އެފަދަ ނިޒާމެއް ތައާރަފުކުރުމަކީ އޭގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
- ވޯޓު ގުނުމުގެ ނިޒާމު ހަރުދަނާ ކުރުން
ސީދާ ނަތީޖާ ލިބޭ ވޯޓާ ޚިލާފަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމުގައި ވޯޓު ގުނުމަކީ ވަރަށް ޚާއްސަ ކަމެކެވެ. ސަބަބަކީ އެކަމުގައި އޮޅުން ބޮޅުން ބޮޑު ފަންނީ ކަންތައްތަކެއް އެކުލެވިފައިވުމެވެ. އެހެންކަމުން ވޯޓު ގުނާ އޮފިޝަލުންނަކީ ވެސް އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބި ކަމަށް އަހުލުވެރިވެފައި ތިބި ބަޔަކަށް ވާން ޖެހެ އެވެ. އެފަދަ ބަޔަކު ތައްޔާރު ކުރުމަކީ ޚަރަދާއި ފަންނީ އެހީއާއި ވަގުތު ވަރަށް ބޮޑަށް ބޭނުންވާނެ ކަމެކެވެ.
- އިލެކްޓޮރޯނިކް ވޯޓިން ސިސްޓަމް
ޕްރިފަރެންޝަލް ވޯޓިން ސިސްޓަމް ތައާރަފު ކުރާއިރު އަތުން ވޯޓު ގުނުމަކީ އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ، އުނދަގޫ ކަމެކެވެ. އެހެންކަމުން އެފަދަ ނިޒާމެއްގައި ވޯޓު ލާން ޖެހޭނީ އިލެކްޓްރޯނިކް ސިސްޓަމެއް ބޭނުން ކުރާށެވެ. އެއީ މިހާތަނަށް ދިވެހިންގެ އިތުބާރު ލިބިފައި އޮތް ސިސްޓަމެއް ނޫނެވެ.
- ސިޔާސީ ވާދަވެރިކަން އިތުރަށް ބޮޑުވުން
ސީދާ ނަތީޖާ ލިބޭ ވޯޓާ ޚިލާފަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމުގައި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާ ގޮތް ތަފާތުވާނެ އެވެ. ކެމްޕޭނު ކުރުމުގައި ގެންގުޅޭ އުކުޅުތައް ވެސް ތަފާތު ވާނެ އެވެ. ފުރަތަމަ ޚިޔާރުކުރާ މީހާއަށް އަމާޒުކޮށް ކެމްޕޭނު ކުރުމުގެ ބަދަލުގައި ހުރިހާ ކެންޑިޑޭޓުންނަށް އަމާޒު ކޮށްގެން ކެމްޕޭނު ކުރާނެ އެވެ. ދެވަނައަށާއި ތިން ވަނައަށް އަންނަ މީހަކާއި އެނޫން މީހުންގެ ދަރަޖަ ކުރަން ބޭނުންވާ ގޮތަކަށް ނުފޫޒު ފޯރުވުމަށް ވެސް ކެމްޕޭނުގައި ޕާޓީތަކުން ހަރަކާތްތެރިވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެމްޕޭނުގައި އާދަޔާ ޚިލާފަށް ވާދަވެރިކަން ބޮޑުވެ ހަމަނުޖެހުންތަކަށް މަގުފަހިވުން ގާތެވެ.
- ރައްޔިތުންގެ އިތުބާރު
އެންމެ ގިނައިން ވޯޓު ލިބޭ މީހަކަށް ކާމިޔާބު ލިބޭ ގޮތަށް އޮންނަ ވޯޓުލުމުގެ ނިޒާމާކީ އޮޅުން ބޮޅުން ކުޑަ، ސީދާ ނަތީޖާ ފެންނަން އޮންނަ ނިޒާމަކަށް ވާއިރު ވެސް ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތަކާ މެދު ރައްޔިތުންގެ އިތުބާރެއް ނޯވެ އެވެ. ޕްރިފަރެންޝަލް ވޯޓިން ސިސްޓަމުގައި ފުރަތަމަ ބުރުން ނަތީޖާ ނުލިބޭ ހާލަތުގައި ދަށުން ވޯޓު ލިބޭ މީހުން އެލިމިނޭޓް ކުރުމުގެ މަރުހަލާގައި ކަންތައް ކުރެވޭ ގޮތާއި މެދު ރައްޔިތުންގެ އިތުބާރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަމުދުން ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ކަމަކަށް ތައްޔާރުވެ، އިތުބާރު އުފެއްދުމަކީ ވާނެ ކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ޝައްކު ކުރުމާއި ޝަކުވާގެ މައްސަލަ ބޮޑުވެ މަސްލަހަތު ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ނިންމުން
އެންމެ ގިނަ ވޯޓު ލިބޭ މީހާ އެއްވަނައަށް ދާ ގޮތަށް ސީދާ ނަތީޖާ ލިބޭ ގޮތަށް އޮންނަ ވޯޓުލުމުގެ ނިޒާމުން ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަކަށް ބަދަލުވުމަކީ ގިނަ ގޮންޖެހުންތަކެއް އޮތް ކަމެކެވެ. ވޯޓުލުމާއި ގުނުމުގައި ދިމާވާނެ ގޮން ޖެހުންތަކުގެ މައްޗަށް ރައްޔިތުންނާއި އިދާރާތައް ހޭލުންތެރި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެކަމަށްޓަކައި ގިނަ ވަގުތުތަކަކާއި ވަސީލަތްތަކެއް ބޭނުންވާނެ އެވެ. މީގެ އިތުރުން އަތުން ވޯޓު ގުނުމުގެ ބަދަލުގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަކަށް ގޮސް އެއަށް މީހުންގެ އިތުބާރު އުފައްދަން ޖެހެ އެވެ.
އެފަދަ އިންތިޒާމުތަކެއް ނެތި ތައާރަފު ކުރެވިއްޖެނަމަ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކީ އޭގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ނިޒާމަކަށް ވުން ކައިރި އެވެ.