ކުރިއަށް އޮތް ބޮޑުއީދަށް އައްޑޫ ސިޓީގައި އުޟްހިޔާ ކަތިލުމަށް ބޭނުންވާ ބަކަރި ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ 1446 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުޟްހިޔާ ކަތިލުމަށް، 30 ބަކަރި ހޯދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށް އެ ކައުންސިލުން ބުނެ އެވެ.

އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލް 29 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން މޭ 06 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމަޔަށް އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް ވަނީ އެދިފައެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މޭ 13 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.