ބޮލީވުޑްގެ މަޝްްހޫރު އެކްޓަރު ސިދްހާތު މަލްހޯތުރާ އޭނާގެ މާބަނޑު އަންހެނުން ކިއާރާ އަދްވާނީއަށް އަގުބޮޑު ކާރެއް ހަދިޔާ ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސިދްހާތު ކިއާރާއަށް ހަދިޔާ ކޮށްފައިވަނީ 1.12 ކްރޯޑް ރުޕީސްގެ އަގުހުރި ޓޮޔޯޓާ ވެލްފަޔާ މޮޑެލްގެ ކާރެކެވެ.

މިއީ ޓޮޔޯޓާގެ އެންމެ ފަހުގެ އެއް މޮޑެލްއަށްވާއިރު ބޮލީވުޑްގެ އެހެން ގިނަ ތަރިންތަކެއް ވެސް މި މޮޑެލްގެ ކާރު ގެންގުޅެ އެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަން، އައިޝްވާރްޔާ ރާއީ، ކްރިތީ ސެނޮން، އަކްޝޭ ކުމާރު އަދި އާމިރު ޚާން ފަދަ ތަރިން ހިމެނެ އެވެ.

އާ ކާރެއް ގަތުމުގެ އިތުރުން ވެސް ސިދްހާތުގެ ދެމަފިރިން އަންނަނީ އެމީހުންގެ ދަރިފުޅު އުފަންވާން ވާއިރަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ދާދި ފަހުން އެ މީހުން ވަނީ މަޝްހޫރު އިންޓީރިއާ ޑިޒައިނަރު އަދި ޝާހްރުކް ޚާންގެ އަންހެނުން ގައުރީ ޚާން ފަރުމާ ކޮށްދިން އެޕާޓްމަންޓަކަށް ދިރިއުޅުން ވެސް ބަަލުކޮށްފަ އެވެ.

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކައިވެނިކުރި ސިދްހާތުއާއި ކިއާރާއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އިންސްޓަގްރާމް މެދުވެރިކޮށެވެ.