ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ މިނިވަންކަން އިންޑިއާ ސިފައިންނަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދީފި އެވެ.

ޕަހަލްގަމް ހަމަލާ އާއި ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަރަށް ބޮޑަށް ހޫނު ވެފައިވާއިރު މޯދީ ވަނީ އިންޑިއާގެ އަސްކަރިއްޔާ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ހަމަލާއަށް ރައްދު ދިނުމުގައި އަމަލުކުރާނެ ގޮތާއި، އަމާޒުތަކާއި، ވަގުތު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ދީފައި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ.

މި ހަމަލާ އާއި ގުޅިގެން އެގައުމުން ޕާކިސްތާނު ރައްޔިތުންގެ ވިސާ ކެންސަލް ކުރުމާއި އެކު ޕާކިސްތާނާއި އެކު ހަދާފައިވާ އިންޑުސް ވޯޓާ ޓްރީޓީ އެއްބަސްވުމަށް އަމަލުކުރުން ވެސް ވަނީ މަޑު ޖައްސާލާފަ އެވެ.

މިއާއިއެކު އިންޑިއާގެ ޑިފެންސް މިނިސްޓަރާއި، ސީޑީއެސް އަދި އެންއެސްއޭ އާއި މޯދީ ބައްދަލުކުރައްވާފައިވާތީ އަސްކަރީ ގޮތުން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

މި ހަމަލާގައި 26 މީހުން މަރުވެފައިވާއިރު މިކަމާ ގުޅިގެން ދެގައުމުގެ ބޯޑަރު ބަންދުކޮށް ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ އެއާލައިން ތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ބައެއް އެއްބަސްވުންތަކަށް އަމަލުކުރުން ވެސް ހުއްޓާލާފަ އެވެ.