ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދައިގެ ޚިދުމަތް ދިނުމާމެދު އަލުން ވިސްނަން ޖެހޭކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.
މިކަން އޭނާ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްއެއްގަ އެވެ. މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްއަކީ ވަކި އަހަރަކަށްވުރެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުމަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުންނެވެ.
މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ހަމީދު ވިދާޅުވީ އާސަންދައިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށާއި، މީގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދުންފަތާ ގުޅުންހުރި ބަލިތައް ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ކުރާ ހޭދަ މިއަށް ވުރެ ޒިންމާދާރު ކަމާއެކު ކުރަން އެބަ ޖެހޭ، އަޅުގަނޑު ބައެއްފަހަރު ހިތަށް އަރާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ނޫނީ އެ ބޭފުޅުންނަށް އާސަންދަ ދިނުމާމެދު އަޅުގަނޑުމެން ކީއްވެ ބާއޭ ނުވިސްނަނީ،" އޭނާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ މިއީ ދެފަހަރަށް ކުރެވޭ ޚަރަދެއް ކަމަށެވެ. އެއީ ފުރަތަމަ ދުންފަތަށް ޚަރަދުކޮށްފައި، ދެން އޭގެ ސަބަބުން ޖެހޭ ބަލިތަކަށް އާސަންދައިން ފަރުވާ ހޯދުމަށް ޚަރަދުކުރަން ޖެހޭތީ އެވެ.
މީގެ އިތުރުން، އޭނާ ވަނީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. ހާމިދު ވިދާޅުވި ގޮތުގައި މިހާރު ކަންހިނގާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ސަބަބުން އެހެން މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދެ އެވެ.