ސިޔާސީ ޕާޓީ އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.
މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ އާ ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަން ޝަހީމްވަނީ ދާދިފަހުން އިއުލާން ކުރައްވާފަ އެވެ.
އެކަން ހާމަކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ މުއައްސިސެއްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެ ޕާޓީއަށް ޚިދުމަތްކުރެއްވި ކަމަށާއި، މިހާރު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވި ކަމަށެވެ.
ފާޓީގެ މެމްބަރުކަމުގެ ފޯމު ހުށަހެޅުއްވިކަން ހާމަކުރެއްވީ ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މާތް ﷲގެ ހަޒްރަތުން ވާގި އެދި އަދާލަތު ޕާޓީއަށް މެންބަރުކަމުގެ ފޯމް ހުށަހަޅައިފިން،" ޝަހީމް ވިދާޅުވެފައިވެ އެވެ.
މިހާރު އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި، އަދި އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނިމިދިޔަ ދައުރުގައި ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވި އިމްރާން އަބްދުﷲ ވަނީ ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވާ ނަމަ ސަރުކާރުގެ ކެބިނެޓުން އިސްތުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.
އެ ކަމަށް ރައްދުދެއްވަމުން ޝަހީމް ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަން ކެބިނެޓުން އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށެވެ.
ޝަހީމްއަކީ މިހާރުގެ ރައީސް މުއިއްޒު ފަދައިން މަގާމުގެ ބޭނުމުގައި އެކި ސިޔާސީ ޕާޓީތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އަދާލަތު ޕާޓީއާއި ޕީޕީއެމްގައި އުޅުއްވި އެވެ. އެއަށްފަހު ރައީސް ވަހީދުއަށް ތާއީދުކުރައްވައިގެން އޭރުގެ ސަރުކާރުގެ ކެބިނެޓުގައި ހުންނެވި އެވެ. އަދި މިހާރު ކެބިނެޓުގައި ހުންނެވީ ޕީއެންސީގެ މެންބަރެއްގެ ގޮތުގަ އެވެ.
ޝަހީމް ވަނީ 2018ގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރައްވައިފަ އެވެ.
ޢަދާލަތު ހަލަާކުކޮަށްލަންދޯ
ރިޕްލައިމި ބޭޅާ ވައްދައިގެން ނުވާނެ!
ރިޕްލައި