މަސްތުހާލުގައި ހުޅުމާލޭގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހމ. ފްލެޓް ނަމްބަރު 07-1-4، މާލެ، މުހައްމަދު މާއިސް 23އ، އެވެ.
ފުލުހުން ބުނީ މެއި 1 ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުމާ ގުޅިގެން އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށެވެ.
އެއާއެކު ހުޅުމާލޭގައި ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށާއި ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުންވެސް އެކަމަށް އިޖާބަ ނުދީ ބަމްޕަރުތަކަށް ވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމަށާއި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތްއިރު، އިތުރު ގެއްލުންތަކާ އެކު ޓަޔަރު ފެނިފައި ވަނީ 103 ނަންބަރު ފްލެޓް ކައިރިންނެވެ.
މިއާއެކު މި މައްސަލާގައި ހައްޔަރު ކުރި މީހާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާއިރު ފުލުހުން އަންނަނީ ކާރު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.