ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް އެއްވެސް ދިވެހި ރައްޔިތަކަށް ލިބޭނެ ކަމަށް ވިސްނުމަކީ އަވާމެންދުރެއް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މަހާޒު އާއި އަޒްމިރާލްދާ ވަކިކުރަނީ ގާނޫނު އަސާސީއާ ހިލާފަށް އެންމެހާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.
މިއީ ސަރުކާރުގެ ސީދާ ނުފޫޒާ ބޭއިންސާފުގައި ކުރާކަމެއް ކަމަށް ތުހުމަތުކުރައްވާ ޝާހިދު ވަނީ މިކަން ކުށްވެރިކުރައްވާފަ އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަލަތަކެއް ކުއްލިއަކަށް ބަލަން ފެށީ މަޖިލިސް މެންބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެހެން ގާނޫނަށް އިސްލާހު ގެނައި މައްސަލަ އެ ކޯޓުން ބަލައިގެންފައި ވަނިކޮށެވެ.
މައްސަލަތައް ބަލަން ފަށާފައި ވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.
އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަޒްމިރާލްދާ އާއި މަހާޒަށް ކޮށްފައިވާއިރު އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.
އޭގެ ފަހުން އިއްޔެ މަހާޒް އާއި އަޒްމިރާލްދާ ވަކިކުރުމަށް ޖޭއެސްސީ ގެ ކޮމިޓީން ނިންމާ މަޖިލީހަށް ފޮނުވުމާ އެކު މިއަދު މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.