ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކޮރެއާގެ ސީރީޒް "ސްކުއިޑް ގޭމް"ގެ ތިންވަނަ ސީޒަން ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފި އެވެ.
ނެޓްފްލިކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޒާރަށް ނިމުމެއް އަންނަން ތައްޔާރުވާ ކަމަށާއި "ސްކުއިޑް ގޭމް"ގެ ތިންވަނަ ސީޒަން ޖޫން މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށެވެ.
މި ބަޔާނާއެކު އެ ކުންފުނިން ވަނީ ސްކުއިޑް ގޭމް 3ގެ ޓީޒާއެއް ވެސް ދައްކާލާފަ އެވެ. އެހެން ނަމަވެސް ފުރިހަމަ ޓްރެއިލާ އަދި ރިލީޒް ކޮށްފައެއް ނުވެ އެވެ.
ކުރިން ނެރުނު ދެ ސީޒަންއެކޭ އެއްފަދައިން މިފަހަރުގެ ސީޒަންއަކީ ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ އެތައް ކަމެއް ފެނިގެންދާނެ ސީޒަން އެކެވެ.
ސްކުއިޑް ގޭމްއަކީ ތަފާތު ގޭމްތަކެއްގައި ބައިވެރިވާ ބައިވެރިންގެ ދަތުރު ދައްކުވައިދޭ ތުރިލާ ސީރީޒް އެކެވެ. މި ސީރީޒްއަކީ ނެޓްފްލިކްސްގެ އެއްވަނައިގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތް ސީރީޒް އެކެވެ.
ސްކުއިޑް ގޭމް 3 ރިލީޒްކުރާ ތާރީހާއި އޭގެ ޓީޒާ އާއްމު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އާ ސީޒަނަށް ވެސް ކެތްމަދު ވެފައިވާ ކަމަށް ބުނަމުންނެވެ.