މެކްސިކޯގެ ކަނޑުގެ ނަން "ގަލްފް އޮފް އެމެރިކާ" ކަމަށް ގޫގުލް މެޕްސްގައި ބަދަލުކުރުމުން މެކްސިކޯއިން ގޫގުލް އާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބަމް ވިދާޅުވީ މެކްސިކޯގެ ކަނޑަށް އެމެރިކާ ކަނޑުކަމަށް މުހާތަބު ނުކުރުމަށް އެތައް ފަހަރަކު ގޫގުލްގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

މިގޮތުން މިއަހަރުގެ ޖެނުއަރީ މަހު ޝެއިންބަމް ވަނީ މެކްސިކޯ ކަނޑުގެ ނަން ބަދަލުކުރުމާ މެދު ވިސްނުމަށް އެދި ސިޓީއެއް ފޮނުއްވާފަ އެވެ. އޭގެ ފަހުން ވެސް އެތައް ފަހަރަކު މިފަދައިން އެދިފައިވާއިރު ދައުވާ ކުރާނެކަމުގެ އިންޒާރު ދީފައި ވަނީ ފެބްރުއަރީ މަހު އެވެ.

މިކަމާ ގުޅިގެން ގޫގުލް އިން ބުނީ ސަރުކާރުގެ ރަސްމީ އިދާރާތަކުން ނަމެއް ބަދަލުކޮށްފި ނަމަ އެއާ އެއްގޮތަށް ގޫގުލްގެ ޕްލެޓްފޯމުތައް އަޕްޑޭޓް ކުރުމަކީ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށެވެ. މިގޮތުން އެމެރިކާ އާއި ކިއުބާ އާއި މެކްސިކޯއިން ހިއްސާވާ ކަނޑުގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކުރިޔަސް މެކްސިކޯގައި ގޫގުލް ބޭނުންކުރާ ފަރާތްތަކަށް ނަން ބަދަލެއް ނުވާނެ ކަމަށެވެ.

ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަނޑުގައި ގިނަ މަސައްކަތް ކުރަނީ އެމެރިކާއިން ކަމަށްވާތީ އެކަނޑަކީ އެމެރިކާގެ ކަނޑެއް ކަމަށް ބުނެ އެކަނޑަށް އެމެރިކާގެ ކަނޑުގެ ނަމުން ނަންދޭން ސޮއިކޮށްފަ އެވެ.

އެއާއެކު މިގޮތަށް މި ކަނޑުގެ ނަން ބަދަލުކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.