މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭއްވުނު ވޯޓުގައި ބައިވެރިވި 73 މެންބަރުން ވަނީ އަސްނާ އެ މަގާމަށް އައްޔަނުކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފަ އެވެ.
އަސްނާއަކީ މިހާރު އެމްއެމްއޭގެ ފިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓް (އެފްއެސްޑީ) ގެ ވެރިޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ނަން މި މަޤާމަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އަސްނާއާ އިންޓަވިއުކޮށް، އޭނާގެ ޤާބިލުކަން ވަޒަންކޮށް، އެ މަޤާމަށް އައްޔަނުކުރުމަށް ހުށަހަޅާފަ އެވެ.
އަސްނާއަކީ ސެންޓްރަލް ބޭންކިން އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ ދާއިރާއިން 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިސްލާމިކް ފައިނޭންސް، ލައިސެންސިން އޮނިގަނޑު އިސްލާހުކުރުން، އަދި ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
އަސްނާ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންހަމްއިން ފައިނޭންސްގެ ދާއިރާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފަ އެވެ. އޭނާގެ ހާއްސަ ދާއިރާތަކުގެ ތެރޭގައި ޖެންޑާ އިންކްލޫސިވް ފައިނޭންސިން، ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި މާލީ ތަރައްޤީ، އަދި ޑިޖިޓަލް ފައިނޭންސް ހިމެނެ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނިކޮށެވެ.