މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލާ ރިޔާސީ ކޮމިޝަނުން ބައްދަލުކޮށް ސުވާލުކޮށްފި އެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުން ރައުދު އާ ބައްދަލުކޮށް ހާދިސާ އާއި ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

އިއްޔެ މި ކޮމިޝަނުން ހާމަކުރި ގޮތުގައި ރިޔާސީ ކޮމިޝަނުން ތަންތަނަށް ޒިޔާރަތްކޮށް މައްސަލައިގެ މައުލޫމާތު އެއްކުރަން ވަނީ ފަށައިފަ އެވެ. މިގޮތުން މި މައްސަލައާ ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން، އެއްވެސް މައުލޫމާތެއް، ފޮޓޯ ނުވަތަ ވީޑިއޯ އަދި އެނޫން ވެސް އެއްވެސް ލިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޕޯޓަލެއް ވެސް ވަނީ ހުޅުވާފަ އެވެ.

މި ޕޯޓަލް މެދުވެރިކޮށް އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ވެސް ސުވާލު ކުރެވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.