ނޯވޭގެ ދެކުނު ސަރަޙައްދަކުން 70 ބިލިއަން ޓަނުގެ ފޮސްފޭޓް ފެނިފައިވާ ކަމަށް ޖިއޮލޮޖިސްޓުން ބުނެފި އެވެ.
މިއީ މިހާތަނަށް ދުނިޔޭގައި ފެނިފައިވާ އެންމެ ބޮޑު ފޮސްފޭޓް ޑިޕޮސިޓްކަމަށް ބެލެވެ އެވެ. މި ޑިޕޮސިޓްގެ އަގު 12 ޓްރިލިއަން ޑޮލަރަށް އަރަ އެވެ.
މި ފޮސްފޭޓް ޑިޕޮސިޓް ފެނުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކަށް ގްރީން ޓެކްނޮލޮޖީ ތަރައްގީކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ފޮސްފޭޓަކީ އިލެކްޓްރިކް ވެހިކަލްތަކުގެ ބެޓެރީ އާއި ސޯލާ ޕެނަލް އަދި ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ މުހިންމު މާއްދާއެކެވެ.
ނޯޖް މައިނިންގެ ފައުންޑާ އަދި ޑެޕިއުޓީ ސީއީއޯ މައިކަލް ވަރްމްސާ ވިދާޅުވި ގޮތުގައި މި ޑިޕޮސިޓަކީ ޔޫރަޕްގައި މިހާތަނަށް ފެނިފައިވާ އެންމެހާ ފޮސްފޭޓް ޑިޕޮސިޓްތަކަށް ވުރެ ބޮޑު ޑިޕޮސިޓެކެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ނޯވޭގެ ދައުރު ވަރަށް ބޮޑުތަން ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޑިޕޮސިޓް ފެނުމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކަށް ފޮސްފޭޓް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް ޔޫރަޕްގެ ގައުމުތަކުން ފޮސްފޭޓް ގަނެފައިވަނީ ޗައިނާ، މޮރޮކޯ އަދި ރަޝިއާ ފަދަ ގައުމުތަކުންނެވެ.
ނޯވޭގެ ވިޔަފާރި ސިނާއަތުގެ ވަޒީރު ޖަން ކްރިސްޓިއަން ވެސްޓްރޭ ވިދާޅުވެފައިވަނީ މި ޑިޕޮސިޓް ތަރައްގީކުރުމުގައި ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމަކީ ނޯވޭގެ ޒިންމާއެއް ކަމަށެވެ.