ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ޖައްސަވައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް، ޖެއްސެވިކަން ހާމަކުރަވަމުން ރައީސް ސޯލިހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ފުރަތަމަ ޑޯޒު ޖަހާފައި ތިބި ފަރާތްތަކުން ޖެހިތާ 8 ހަފްތާ ވެފައިވާ ނަމަ ދެވަނަ ޑޯޒު ޖެއްސެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ކޮވިޑު-19 ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހައި ތިބި ފަރާތްތަކުން ފުރަތަމަ ޑޯޒު ޖެހުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ. އަދި އެންމެން ގުޅިގެން ކޮވިޑު-19 ބަލި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ރާއްޖޭގައި ފަށާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ޖަހަމުންދަނީ އިންޑިއާގެ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން އަދި ޗައިނާގެ ސައިނޯފަރމް ވެކްސިނެވެ. ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން 16 އަހަރުންމަތީގެ އެކި ބަލިތައް ތަހައްމަލްކުރަމުންދާ ކުދިންނާއި މީހުން ނަންނޯޓުކުރުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.