މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 900،000 ހުރަސްކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 70،466 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 61،078 ފަތުރުވެރިންނާ އަޅާބަލާއިރު 15.4 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 901،210 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 833،448 ފަތުރުވެރިންނެވެ. ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު މިހާރު 6,725 ފަތުރުވެރިން އަންނަ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް ވަނީ 103،072 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
އެންމެ ގިނަ ފަތުރުވެރިން އައި 5 ގައުމު:
- ޗައިނާ – 103،072 ފަތުރުވެރިން
- ރަޝިއާ – 97,123 ފަތުރުވެރިން
- އިނގިރޭސިވިލާތް – 93,043 ފަތުރުވެރިން
- އިޓަލީ – 79,557 ފަތުރުވެރިން
- ޖަރުމަން – 69,238 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 600،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އަދި 200،000 އަށްވުރެ ގިނަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި 26،000 އަށްވުރެ ގިނަ ފަތުރުވެރިން ހޮޓަލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން 22،000 އަށްވުރެ ގިނަ ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފައިފަ އެވެ.