ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް ރޯދަ މަހު އުމްރާ ކުރުމުގެ ހުއްދަ ދޭނެ ކަމަށް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ނިންމައިފި އެވެ.

މިނިސްޓްރީ އިން ބުނިގޮތުގައި ހުއްދައަށް އެދޭ މީހުން ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒު ހަމަކުރަން ޖެހޭނެ ކަމަށާއި ތަވައްކަލްނާ އެޕްގައި އެ މީހާގެ އިމިއުނައިޒްޑް ހިސްޓްރީއަށް ބަލާނެ އެވެ.

މިނިސްޓްރީ އިން އިތުރަށް ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ފަހުން ދެވަނަ ޑޯޒް ޖަހާ މީހުންނަށް ވެސް އެ ހުއްދައަށް އެދެވޭނެ ކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް މިނިސްޓްރީ އިން ވަނީ މައްކާގެ ހަރަމްފުޅުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް، ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރެވޭނެ އިންތިޒާމޔު ހަމަޖައްސާފަ އެވެ.

އުމްރާ އަދި ހަރަމް ފުޅުގައި ނަމާދުކުރަން ބެނުންވާ ފަރާތްތަކުން ހުއްދަ އަށް އެދުމަށް ހަމަޖެހިފައިވަނީ އުމްރާ އެންޑް ތަވައްކަލް ކިޔާ އެޕްލިކޭޝަނަކުންނެވެ. އަދި ޖާގަހުރި ވަރަކުން އެންމެނަށް ވެސް އެ ހުއްދަ ދެމުން ގެންދާނެ ކަމަށް ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީ އިން ބުންޏެވެ.