އައްޑު އަތޮޅައަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ 50 އަހަރުގެ އަދަބު 25 އަހަރަށް ދަށްކުރަން ދައުލަތުން އެއްބަސްވުމެއް ހަދައިފި އެވެ.
އަބުޗާގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން ދައުވާކުރީ 2020 ވަނަ އަހަރު އޮކްޓޯބަރު މަހު އައްޑޫއަށް ކަނޑުމަގުން 80 ކިލޯގެ ޑްރަގް ގެނައި މައްސަލާގަ އެވެ. އެތަކެއްޗާއެކު ބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭނާއާ އެކު އިތުރު 17 މީހަކު އޭރު ހައްޔަރުކުރި އެވެ.
އެ މައްސަލާގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބުޗާގެ މައްޗަށް އުފުލިއިރު، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އިއުތިރާފުވުމުން 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްފަ އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުންނަތާ ހަތަރު އަހަރުވެފައި ވާތީ ދެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 21 އަހަރެވެ. އަދި ހިތަދޫ ކޯޓުން އިއްޔެ ހުކުމްކުރީ ވެސް އެގޮތަށެވެ.
މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މަގާމާ ހަވާލުވިފަހުން ގިނަ އަދަދެއްގެ ޑްރަގް މައްސަލަތަކުގައި އިއުތިރާފްގެ އެއްބަސްވުންތައް ހަދައިގެން މީހުންގެ އަދަބު ލުއިކުރަމުން ގެންދެ އެވެ.