ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް އެމިރޭޓްސްގެ ބޯއިން 777 ގެ ބޯޓެއް ޖައްސައިފި އެވެ.
މިއީ އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ނިމުމަށް ފަހު ސެޓްފިކޭޝަން ޕްރޮސެސް ފުރިހަމަކުރުމުގެ ގޮތުން ޖެއްސި ޓެސްޓް ފްލައިޓެކެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި (އައިއޭއެސް) އިން މެނޭޖްކުރާ މާފަރު އެއާޕޯޓަށް މިއަދު ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 މަރުކާގެ ބޯޓެކެވެ. މި ބޯޓު މިއަދު އެ އެއާޕޯޓަށް ޖައްސާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދިނެވެ.
ބޮއިންގް 777 މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލްކަން ދެނެގަތުމަށް އެއާޕޯޓުގެ ސެޓިފިކޭޝަން މަރުހަލާތަކެއް ކުރިޔަށް ގެންދެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ރައްކާތެރި ކަމާއެކު ޖެއްސުން އަދި ނައްޓާލުން.
- ރައްކާތެރިކަމާއެކު ތެޔޮ އެޅޭނެ އިންތިޒާމް ހަމަޖެހިފައިހުރިތޯ ބެލުން،
- ޕެސެންޖަރުންގެ ހިދުމަތްތައް ފުރިހަމައަށް ދެވޭތޯ ބެލުން
- ކާގޯ އޮޕަރޭޝަން އަދި އެ ބޯޓު ފަހަރަށް ބޭނުންވާ ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވައިޑް ބޮޑީ މަތިންދާބޯޓުތައް ޖެއްސުމަށާއި އޮޕަރޭޝަނަލް ހިދުމަތްތައް ރަނގަޅު ކުރުމަށް ބޮޑު އަޕްގްރޭޑްތަކެއް ވަނީ ކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ބޮޑުކޮށް، ބޮއިން 777 އަދި އެއާބަސް އޭ 330 ފަދަ ވައިޑް ބޮޑީ ބޮޑެތި މަތިންދާބޯޓުތައް އެއާޕޯޓަށް ޖެއްސޭނެ ފެންވަރަށް ތަރައްގީކުރުމެވެ.
މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން އެތަނުގެ ޕާކިން ޖާގަ 13 ޖެޓުން 26 ޖެޓަށް ފުޅާކޮށް، އޭޕްރަން ކެޕޭސިޓީ ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2019 ވަނަ އަހަރު ހުޅުވި ނަމަވެސް މި އަޕްގްރޭޑްތައް ކުރިއަށް ގެންދިއުމަށް 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. މި މަޝްރޫއު ނިމުމާއެކު އެ އެއާޕޯޓުގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށަން ތައްޔާރުވެފަ އެވެ.
މި އެއާޕޯޓަކީ ނ. ރ އަދި ބ އަތޮޅުގެ ލަގްޒަރީ ޓޫރިޒަމަށް ޓާގެޓްކޮށްގެން ތަރައްގީކުރި ތަރައްގީކުރި އެއާޕޯޓެކެވެ.