މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު، ވެއްޓިފައި އޮތްވާ ފެނުނު ހާދިސާގެ ތަހްގީގަށް އާޢިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު މެލޭޝިއާގައި އެކަމަށްޓަކައި ތިބި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ނަމަވެސް މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތް ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ލިބިފައި ނުވާކަަމަށް ފުލުހުން ބުނެ އެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް ހިއްސާކޮށްފައި ނުވާ ކަމަށާއި މެލޭޝިއާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރު ވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަހުގީކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެ ކޮމިޝަނުން ވެސް މި މައްސަލަ ތަހުގީގުކުރަން ވަނީ ފަށައިފަ އެވެ.