މައްސަލައެއްގައި ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފެނަކައިން އަލްޓެކަށް ފައިސާ ނުދެއްކުމުން، ފެނަކައިގެ އެކައުންޓުގައި ހުރި ފައިސާ ނަގާ އަލްޓެކަށް ދީފި އެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ވަނީ ސްޓެލްކޯގެ މައްޗަށް 30 ދުވަހުގެ ތެރޭގައި އަލްޓެކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފަ އެވެ.
އެހެން ނަމަވެސް މި ހުކުމާ އެއްގޮތަށް ފެނަކައިން ފައިސާ ނުދެއްކުމުން އަލްޓެކުން ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ސިވިލް ކޯޓަށް މެއިލެއް ފޮނުވާފަ އެވެ. މި މެއިލްގައި އެ ކުންފުނިން ބުނީ އެއަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ފެނަކައިން ދެއްކީ 597،906ރ. ކަމަށާއި، އެއީ ފައިސާ ދައްކަން ކޯޓުން ދިން މުއްދަތު ހަމަވިތާ ގާތްގަނޑަކަށް 6 މަސް ފަހުން ދެއްކި އަދަދު ކަމަށެވެ.
އެއާއެކު މި މައްސަލާގައި މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި ފެނަކައިން ބާކީ ނުދައްކާ އޮތް 146،410ރ. އެ ކުންފުނީގެ ބޭންކުން ނަގާފައި ދިނުމަށް އިއުތިރާޒު ނުކުރާ ކަމަށް ފެނަކައިން ބުނުމުން ކޯޓުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބީއެމްއެލްގައި ހުރި އެ ކުންފުނީގެ އެކައުންޓުން ފައިސާ ނަގައި އަލްޓެކަށް ރައްދުކުރުމަށް ހުކުމް އިއްވާފަ އެވެ.
މާލެ އާއި މަދު ރަށްތަކެއް ފިޔަވައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތްދޭ ފެނަކައިން ގިނަ މައްސަލަތަކެއްގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން،ބައެއް މައްސަލަތަކުގައި ކޯޓުގެ ހުކުމަށް އިހުތިރާމް ކުރަން ފެނަކައަށް އަމުރުކޮށްފައިވެ އެވެ.