މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 22، ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެންގުމުން އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދުދީފައި ވާތީ، ރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ރައުދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށް ފަހު ޕީޖީ އޮފީހުން ބުނީ ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލާގައި ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި އިރު، ރައުދު ބަންދުުން ދޫކޮށްލުމަށްފަހު އޭގެ އިރޮޅެއްފަހުން އޭނާގެ ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖެހި އެވެ.