ބޮލީވުޑްގެ ކުރީގެ އެކްޓަރު ޖިއާ ޚާންގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ސޫރަޖް ޕަންޗޯލީއަށް ކުރެވުނު ތުހުމަތުތަކާއެކު މުޅި ދިރިއުޅުން ބަދަލުވި ކަމަށް ސޫރަޖް ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ސްކްރީން"އަށް ދިން އިންޓަވިއުއެއްގައި ސޫރަޖް ވަނީ އޭނާއަށް ކުރެވުނު ތުހުމަތުތަކާއި އެ ތުހުމަތުތަކުގެ ސަަބަބުން ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކަ ދައްކާފަ އެވެ.

ސޫރަޖް ބުނީ އޭނާގެ އާއިލާގެ މެމްބަރުންނާ ކަޅި ހަމަކުރަން ނުކެރުނު ދުވަސްވަރެއް ދިޔަ ކަަމަށާއި އެހެން ނަމަވެސް މިއަދު އެމީހުންގެ ގުޅުން ކުރިއަށްވުރެ ވެސް ވަރުގަދަ ކަމަށެވެ.

އެއާއެކު އާއްމުންނާއި ބައެއް ގާތް ފަރާތްތައް ހިމެނޭ ގޮތަށް ގިނަ ބަޔަކު އޭނާއާ މެދު ގޯސް ވިސްނުންތަކެއް ގެންގުޅުނު ކަމަށާއި އެ ދަނޑިވަޅުގައި އޭނާއާއެކު ތިބި އާއިލާއަށް ޝުކުރުވެރިވާ ކަމަށް ވެސް ސޫރަޖް ބުންޏެވެ.

"ހާލަތު އެންމެ ދަށަށް ދިޔައިރު ވެސް ގަބޫލު ކުރިން މިއަށްވުރެ ރަނގަޅު ދުވަސްތަކެއް ފެންނާނެ ކަމަށް. އަޑިގަނޑުތަކާއި އުސްގަނޑުތަކަކީ ދިރިއުޅުމުގެ ބައެއް" ސޫރަޖް ބުންޏެވެ.

"ނިޝަބްދް" އަދި "ގަޖްނީ" ފަދަ ފިލްމުތަކުން އާއްމުންގެ ސަމާލުކަން ހޯދި ޖިއާ އޭނާގެ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ 2013 ވަނަ އަހަރު އޭނާގެ މަންމަ އަށެވެ.

އެ މައްސަލާގައި ސޫރަޖް ހައްޔަރު ކުރެވުނީ އަމިއްލައަށް މަރުވުމުގެ ކުރިން ލިޔެފައިވާ ހަ ސަފްހާގެ ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީގައި އޭނާއާއި ސޫރަޖްގެ މައްސަލަ ބޮޑު ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފައި އޮތެވެ.

މީހަކު އަމިއްލައަށް މަރުވާން ބާރުއެޅުމުގެ ތުހުމަތުގައި ސޫރަޖްގެ މައްޗަށް ދައުވާ ކުރެވުނު ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވެ ވަނީ މިނިވަންވެފަ އެވެ.

ސޫރަޖްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ސުނިލް ޝެޓީ، ވިވެކް އޮބެރޯއީ، ބަރްކާ ބިޝްޓް އަދި އަރޫނާ އިރާނީއާއެކު ތާރީހީ ފިލްމް "ކޭސަރީ ވީރް" އިންނެވެ.