ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަންގެ 84 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ތެރެއިން އޭނާގެ ގެއިން ބޭރަށް ނުކުމެ ސަޕޯޓަރުންނާ ބައްދަލުކުރި ވަގުތު ހިނގި ހާދިސާއެއް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައިފި އެވެ.
ކޮންމެ އަހަރަކުވެސް އުފަން ދުވަހާ ދިމާކޮށް އަމީތާބްގެ ގެ "ޖަލްސާ" އިން ބޭރުގައި އެއްވެ ތިބޭ ސަޕޯޓަރުންނާ ބައްދަލު ކުރުމަކީ އޭނާ ކުރަމުން އަންނަ އާދައެކެވެ. މިފަހަރުވެސް އޭނާ ވަނީ ބޭރަށް ނުކުމެ، އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ބައްދަލު ކޮށްފަ އެވެ.
ނަމަވެސް، މި ހަރަކާތުގެ ތެރެއިން ކުޑަކުދިންތަކެއް ސެކިއުރިޓީ ފަހަނައަޅައި އަމީތާބާ ސަލާމް ކުރުމަށްޓަކައި އޭނާއާ ދިމާއަށް ދާން މަސައްކަތްކުރި އެވެ.
އެވަގުތު އަމީތާބްގެ ބޮޑީގާޑުން ވަނީ ވަގުތުން ހުރަސްއަޅައި އެ ސަޕޯޓަރުން ދުރުކޮށްފަ އެވެ. އަދި އަތް ދިއްކޮށް ސަލާމްކުރަން އެދުނު ސަޕޯޓަރެއްގެ އެދުމަށް އިޖާބަ ދިނުމުގެ ބަދަލުގައި، އަމީތާބް ވަނީ ދެ އަތް ޖޯޑުކޮށް ސަލާމްކުރަން ދެކޮޅު ހަދާފަ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް އޮންލައިންކޮށް އާންމުވުމާއެކު، އިންޓަނެޓުގައި މީހުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
ބައެއް މީހުން ބުނާގޮތުގައި ވަރަށް އުއްމީދާއެކު އައި ކުއްޖަކަށްވާތީ އަމީތާބް އެ ކުއްޖާއާ ސަލާމް ކޮށްލަން ޖެހޭނެއެވެ. ނަމަވެސް އަނެއްބައި މީހުން ވަނީ ސެކިއުރިޓީ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅައި އެގޮތަށް ސެކިއުރިޓީ ފަހަނައަޅައި ދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނެ އަމީތާބް ދިފާއު ކޮށްފަ އެވެ.
އުފަންދުވަހުގެ މި ހަރަކާތުގައި ރަތް ކުލައިގެ ކުރުތާއެއް ލައިގެން ހުރި އަމީތާބް، ސަޕޯޓަރުން ތައްޔާރު ކޮށްފައިވާ ބޮޑު މާފައްޗެއްގެ ކުރިމަތީގައި ފޮޓޯއަށް ހުއްޓި، އޭނާއަށް ސަޕޯޓަރުން ދޭ ލޯތްބަށް ވަނީ ފުންކޮށް ޝުކުރު އަދާކޮށްފަ އެވެ.
ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާ ކަށަވަރުނުކުރެވޭ: އެމްއެފްޑީއޭ
ނާސްތާ ކުރުމުގެ އާދަތަކުން ނަފްސާނީ ސިއްހަތު އަންގައިދޭ ގޮތް!
ޅަފަތުގައި ޖެހޭ ކެންސަރު: ފަރުވާކުޑަ ކުރެވޭ އާއްމު އަލާމާތްތަކެއް