މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިލިއަނަކާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 950،212 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 70،320 ޓޫރިސްޓުންގެ އިތުރުވުމެކެވެ. މިގޮތުން، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 879،892 ޓޫރިސްޓުންނެވެ.

މިއަހަރު ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. މިގޮތުން 71.3 ޕަސެންޓް ޓޫރިސްޓުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 23.2 ޕަސެންޓް ޓޫރިސްޓުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

މިވަގުތު ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތް ދެމުން އަންނަނީ 175 ރިސޯޓާއި، 844 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓަލުންނެވެ.