މި ސަރުކާރުގެ އަމާޒަކީ ކުންފުނިތައް ގިނަކޮށް އަދަދު އިތުރު ކުރުމެއް ނޫން ކަމަށާއި އުފެއްދުންތެރިކަމާއެކު ރަނގަޅު ޚިދުމަތާއި ދެމެހެއްޓެނިވި އުސޫލުން ހިންގޭނެ ކުންފުނިތަކަށް ޖާގަ ދިނުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންއާއި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރުވެސް ޖުމްލަ 17 ކުންފުންޏެއް އުވާލަން ލިކުއިޑޭޝަން މަރުހަލާގައިވާ ކަމަށެވެ.
"މި ބަދަލުތަކާއެކު ކުރިމަގުގައި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެގެންދާނީ އެންމެ ގާބިލް، ކަމަށް ފަރުވާތެރި އުފެއްދުންތެރި ނަތީޖާ ނެރޭ ބަޔަކަށް. އާޚިރު ނަތީޖާއަކަށްވާނީ ރައްޔިތުންނަށް މިހާރަށްވުރެ ވެސް ރަނގަޅު ޚިދުމަތެއް ލިބި މަޝްރޫއުތަކުގެ ދުވެލި ހަލުވި ވެގެން ދިޔުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ކުންފުނިތަކަކީ ދައުލަތް ހިންގުމުގެ އެންމެ މުހިއްމު އެއް ތަނބު ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މައިގަނޑު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެނީ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 30 އަށްވުރެ މަތީގައި އުޅޭއިރު އެއިން ކޮންމެ ކުންފުންޏަކީވެސް ރައްޔިތުންގެ ސީދާ ބޭނުންތަކާ ގުޅިފައިވާ ކުންފުންޏެއް ކަމަށް ވެސް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންކަމުން ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ދަށްކުރުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރަނގަޅު ޕްރޮކިއުމަންޓް ގައިޑްލައިންއެއް އޮތުމަކީ ކޮންމެހެން މުޙިއްމުކަމެއް. މިހާރު ސަރުކާރު ކުންފުނިތަކުން އެކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމަންޓް ޕޮލިސީއަކަށް އަމަލުކުރަމުން އަންނައިރު ޕްރޮކިއުމަންޓް ޕޮލިސީ ތަކުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރޭ. އަދި މިގޮތަށް މިކަންތައް އޮތުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރުމަށް ބައެއްފަހަރު ފުރުސަތު ލިބިގެންދޭ،" އަމީރު ވިދާޅުވި އެވެ. "މިއަދު މި ލޯންޗްކުރެވުނު ޕްރޮކިއުމަންޓް ގައިޑްލައިންގެ ސަބަބުން ސަރުކާރު ހުރިހާ ކުންފުނިތަކުންވެސް އެންމެ ކުޑަ މިންވަރަށް އަމަލުކުރަންޖެހޭނެ ޕްރޮކިއުމަންޓް އުސޫލްތަކެއް ގާއިމްވެގެންދާނެ."
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ކުންފުނިތަކުގެ ނިޒާމުތައް ހަރުދަނާ ކުރުން ކަމަށެވެ. އަދި ދެފުށް ފެންނަ ޕްރޮކިއުމަންޓް ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާއިރު ކޮރޮޕްޝަނަށް މަގުފަހިނުވާނެ ގޮތަށް އުސޫލުތައް ގާއިމު ކުރުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދެވޭ ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މިކަންތައްތައް ފުރިހަމަ ގޮތުގައި ތަންފީޒު ވެގެން ދިޔުމުން ކުންފުނިތަކުގެ މުޅި ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އަދި މީގެ އިތުރުން ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކްގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށް ހެދިފައިވާ އުސޫލް އިތުރަށް ހަރުދަނާވެ، ޚިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް ބާރު އެޅިގެންދާނެ. އެގޮތުން މުވައްޒަފުން ނެގުމުގައާއި މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި މި ފްރޭމްވޯކްގައި ފާހަގަ ކޮށްފައިވާ މަޤާމުގެ ޝަރުތުތަކަށް ކުންފުނިތަކުން އަމަލު ކުރަން ފެށުމުގެ ސަބަބުން މުވައްޒަފުންނަށް އިންސާފުވެރިގޮތަކަށް އަމަލު ކުރެވޭނެ. އަދި ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތަށް ޤާބިލް މުވައްޒަފުންކަން ކަށަވަރު ކޮށްދޭނެ."
ކުންފުނިތައް ބަގުރޫޓް ކޮށްލާފަދެން ކޮން ކުންފުންޏެއް ގިނަ ކުރަން ތިޔަ އުޅެނީ. އަމީރޫ ކަލޭގެ ލަދުހަޔާތް ކޮބާ؟