ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓްގައިވާ ޝަރުތުހަމަނުވާ މީހުން އުނިކޮށް ބާކީ ތިބި އެންމެންނަށް ފްލެޓް ދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ އިތުރު ފައިނަލް ލިސްޓެއް މި ސަރުކާރުން ދެން ނުނެރޭނެ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން ނެރުނު ދާއިމީ ފްލެޓް ލިސްޓާ ގުޅިގެން ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު، ބޮޑަށް ބުރަވެވެނީ އެ މީހަކު މާލޭގައި 15 އަހަރު އުޅުކަމަށް ކަމުގައިވާނަމަ އެފަދަ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށެވެ.
އެކަމަކު ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު، މީހަކު މާލޭގައި 15 އަހަރު އުޅެފައިނުވާކަން ކަނޑައެޅިގެން ސާފުކޮށް އެނގެން އޮތްނަމަ އެ މީހަކު ޑިސްކޮލިފައިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑިސްކޮލިފައިކުރާ މީހާއަށް ވެސް އެގޮތަށް ނިންމި ސަބަބާއެކު ޖަވާބުދާރީވާން ފުރުސަތު ދޭނެ ކަމަށާއި ދޭ މުއްދަތުގެ ތެރޭގައި ޑިސްކޮލިފައިކުރި ސަބަބު ބާތިލް ކުރެވޭވަރުގެ ހެއްކެއް ނުދެއްކިއްޖެނަމަ އެ މީހަކަށް އިތުރު ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކުރާ މިންގަނޑު ދަށްކުރަން ނިންމީ ރާއްޖޭގެ ކަންކަން އޮންނަ ގޮތުން މާލެއަށް ހިޖުރަކުރުމަށްފަހު އަނބުރާ ރަށަށް ދިޔުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓްގައި ދެމަފިރިންނަށް ވެސް ފްލެޓް ލިބިފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ފްލެޓް ދޭނީ އޭގެތެރެއިން އެކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.