ތުއްތު ކުދިންނަށް ލަވަކިޔައިދިނުމުން، އެކުދިންގެ މޫޑު ރަނގަޅުވާކަން ފަހުގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ޔޭލް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ލަވަކިޔުމަކީ އެކުދިންގެ މޫޑު ރަނގަޅުކުރުމަށް ވަރަށް ފަސޭހަ އަދި ރަނގަޅު ގޮތެކެވެ. މި ދިރާސާއިން ދައްކާގޮތުގައި ކުޑަކުދިންނަށް ލަވަކިޔައިދިނުމަކީ، އެކުދިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަރަށް ފަސޭހަ، ރައްކާތެރި އަދި ހިލޭ ކުރެވޭނެ ކަމެކެވެ.

އެގޮތުން، މި ދިރާސާގައި 110 ޕޭރެންޓުންނާއި، އެމީހުންގެ 4 މަސް ނުފުރޭ ކުދިން ބައިވެރިކޮށްފައިވެ އެވެ. ޕޭރެންޓުން، ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި، އެއް ގްރޫޕަށް ކުދިންނަށް ލަވަކިޔުމަށް ހިތްވަރުދީ، އެކަމަށް އެހީތެރިވެދިނެވެ. އަދި އަނެއް ގުރޫޕަށް އެއާ އިދިކޮޅަށް އަމަލުކުރަން އެންގުނެވެ. 4 ހަފްތާގެ މުއްދަތަކަށް މައިންބަފައިންނަށް ސުވާލު ކަރުދާސްތަކެއް ފޮނުވައި، ކުދިންގެ މޫޑާއި ގުޅޭ މައުލޫމާތު ހޯދާފައިވެ އެވެ.

ދިރާސާގެ ނަތީޖާއިން ދެއްކިގޮތުގައި މައިންބަފައިން ކުދިންނަށް ލަވަކިޔުން އިތުރުކުރި ގުރޫޕުގައި ހިމެނުނު ކުދިންގެ ފަރާތުން ތަފާތު ބިހޭވިޔާއެއް ފާހަގަވެގެންދިޔަ އެވެ. އެގޮތުން ކުދިންނަށް ލަވަ ކިޔައިދިނުމުގެ ސަބަބުން ކުދިންގެ މޫޑު ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ފާހަގަކުރެވުނެވެ.

މި ދިރާސާއިން މައިންބަފައިންގެ މޫޑަށް ބަދަލެއް އައިކަމެއް ނުދައްކަ އެވެ. ނަމަވެސް ކުދިންގެ މޫޑު ރަނގަޅުވުމުން މުޅި އާއިލާގެ ދުޅަހެޔޮކަމަށް ފައިދާކުރާނެކަމަށް ދިރާސާކުރި ފަރާތްތަކުން ގަބޫލުކުރެ އެވެ. މި ދިރާސާއިން ކުޑަކުދިންގެ މޫޑު ރަނގަޅުވުމުން މައިންބަފައިންނާއި ކުދިންގެ ގުޅުމުގެ ފެންވަރުވެސް ރަނގަޅުވާނެކަމަށް ލަފާކޮށްފައިވެ އެވެ.