އަމިއްލަ މަންމަގެ ޖަނާޒާގައި ބައިވެރިވާން ވެސް ޕާކިސްތާނުގެ ސަރުކާރުން ވިސާ ނުދިން ކަމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީ ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަދުނާން ބުނީ މީގެ މަސްތަކެއް ކުރިން ޕާކިސްތާނުގައި އޭނާގެ މަންމަ މަރުވުމުން މަންމަގެ ޖަނާޒާއަށް ދާން އިންޑިއާއާއި ޕާކިސްތާނުގެ ސަރުކާރުގައި އެދުނު ކަމަށެވެ.

އޭނާގެ އެ އެދުމަށް އިންޑިއާއިން ހުއްދަ ދިން ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން އޭނާއަށް ވިސާ ދޭން އިންކާރުކުރި ކަމަށް އަދުނާން ބުންޏެވެ.

އެހެންކަމުން މަންމަގެ ކަށުކަމާކެމީގެ ކަންކަމާއި ޖަނާޒާގައި ވެސް ބައިވެރިވާން ލިބުނީ ވީޑިއޯ މެދުވެރިކޮށް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ޕާކިސްތާނުން އޭނާއަށް ވިސާ ނުދިން ސަބަބު ނޭނގުނު ނަމަވެސް ބެލެވޭ ގޮތުގައި އެގައުމުން އޭނާއަށް ވިސާ ނުދިނީ އިންޑިއާއާއެކު އޮތް ނުތަނަވަސްކަމުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ މަންމައަކާއި ބައްޕައަކަށް އުފަން އަދުނާން ވަނީ 2016 ވަނަ އަހަރު ޕާކިސްތާނުގެ ރައްޔިތުކަން ދޫކޮށްލައި އިންޑިއާގެ ރައްޔިތުކަން ހޯދާފަ އެވެ. އޭނާ އުޅެބޮޑުވީ އިނގިރޭސި ވިލާތުގަ އެވެ.

އަދުނާންއަކީ ބޮލީވުޑްގައި ކާމިޔާބު ގިނަ ލަވަތަކެއް ކިޔައިދީފައިވާ އާއްމުންގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރި އެކެވެ.