ހުރިހާ މުއައްސަސާތަކުގެ މެޖޯރިޓީ އޮތީ ޖާހިލުންނަށް ކަމަށާއި މިހާލަތު ބަދަލުކުރުން އުއްމަތުގެ މައްޗަށް ވާޖިބުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ދީދީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަފުޅު ދައްކަވަނިކޮށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ޝަރީފުގެ ވާހަކަފުޅު ކުރިއަށް ގެންދަވުމަށް ހުރަސް އަޅުއްވާ ވީޑިއޯ ރީ ޓުވީޓު ކުރައްވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަސަންޓޭ ވަނީ ކޮޅަށް ތެދުވެވަޑައިގެން ޝަރީފުގެ ކައިރީގައި ހުންނަވާ ވަރަށް ގަދަޔަށް އަޑުގަދަ ކުރައްވައިފަ އެވެ. ހަސަންޓޭގެ އަމަލުތަށް މަޖިލީހުގެ ރިޔާސަތުން ނުހުއްޓުވުމުން ހަސަންޓޭ ނިސްބަތްވާ އެމްޑީޕީގެ ދެ މެމްބަރަކުު ވަނީ ފަހުން އޭނާ ޝަރީފު ކައިރިން ދުރަށް ގެންގޮސްފަ އެވެ.
ހަސަންޓޭގެ އެ އަމަލުތަށް ފާޑު ވިދާޅުވަމުން ދީދީ އިތުރަށް ވިދާޅުވީ ދައުލަތުގެ ހުރިހާ ގުނަވަންތަކެއްގައި ވައެްކަމާއި ކޮރަޕްޝަނުން ކިލިނބުވެ އަނިޔާކުރުން އާންމުވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ އެ ހާލަތު ބަދަލުކުރުމަށް އުއްމަތުގެ މައްޗަށް މިހާރު ވާޖިބުވެފައިވާ ކަމަށާއި ދައުލަތުގެ ވާލިއުލް އަމްރަށް ދައުލަތް ނުހިންގޭ ކަމަށް ވެސް ދީދީ ވަނީ ވިދާޅުވެފަ އެވެ.
ދީދީއަށް އުއްތަމަ ފަނޑިޔާރުގެ މަގާމު ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު ދީދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޢިލްމުއެނގިތިބެ ޢަމަލު ނުކުރާ ފާސިގުންނަކީ ޖާހިލުންނަށްވުރެ ﷲގެ ޙަޟުރަތުގައި މާނުބައި ބައެއް. މިޙާލަތަށް މިގައުމު ވައްޓާލީ ޢިލްމުވެރިން ކަމަށް ދައުވާކުރާ ސުޕްރީމްކޯޓްގައި 2018ވަނަ އަހަރު ތިބި ފާސިގު ފަނޑިޔާރުންތަކެއް.