ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސް ފުލެޓުތައް ނިންމައި ފްލެޓަށް ފައިސާ ދެއްކި މީހުންނާ ހަވާލުކުރުމަށް އެޗްޑީސީން އެއްވެސް މަސައްކަތެއް ނުކޮށް ދިގުލައިގެންދާތީ އެ މީހުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.
ހުޅުމާލޭގައި ހަންބޯ ކޮމްޕެނީއިން ހަދަމުން އަންނަ މަތީ ފަންތީގެ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
ފްލެޓް ހަވާލުކުރުން ހުއްޓުނީ އެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރާއި މަންޑޭއާ މައްސަލަ ޖެހުމުންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް އިފްތިތާހުކުރި އެ ފްލެޓްތައް ނިންމައި ހަވާލުކުރަން އެކި ފަހަރުމަތިން ތާރީޚްތައް ދިންނަމަވެސް އެކަން ހާސިލްކުރެވިފައެއްނުވެއެވެ.
ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު ބުނެފައި ވަނީ އޭނާއަށް ނޭނގި މަންޑޭ އޮޅުވާލައިގެން ގިނަ ބަޔަކަށް ފްލެޓް ވިއްކައި ފައިސާ ނަގާފައިވާ ކަމަށެވެ.
އޭނާ ބުނެފައި ވަނީ ހަމްބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށެވެ. ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް ހުޅުވާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ފްލެޓް ގަންނަން ހުށަހެޅި ގިނަ ބަޔަކު ލައްވައި އެ އެކައުންޓަށް ފައިސާ ޖަމާކޮށް އެ ފައިސާއަށް މަންޑޭ ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް މައި ހިއްސާދާރު ބުނެ އެވެ.
"މި ފްލެޓްތައް އަޅުގަނޑުމެންނާ ހަވާލުކުރަން އެޗްޑީސީން އެއްވެސް މަސައްކަތެއް ނުކުރޭ. އަޅުގަނޑުމެންނަކަށް ނޭނގެ ކީއްވެގެން ކަމެއް އެކަން ނުކުރަނީ،" ފްލެޓް ގަނެފައިވާ މީހަކު ކިޔައިދިނެވެ.
މި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު، އެޗްޑީސީ އޮތީ ހިމޭނުންނެވެ. މި މައްސަލަ ހައްލުކުރަން އެއްވެސް މަސައްކަތެއް އެ ކުންފުނިން ކުރާ މަންޒަރެއް ނުފެނެ އެވެ.
ތީގަ އެޗްޑީސީއަށްވެސް ކުރެވޭނެ ކަމެއް ނެތީ.. 1 އެޕާޓްމަން 7 މީހުންނަށް ވިއްކާފަ އެއްބަސްވުން ހަދާފަ ލާރި ކައިގެން މަންޑޭ އެހުރީ.. ކިހިނެއް ކޯޓަކުން ނޫން ގޮތަކަށް އޯނަޝިޕް ސާބިތުކުރާނި؟ ދެން އޮތީ ތިޔަ ތަން ދަޢުލަތަށް ނަގާފަ، ފުލެޓު ގަތް މީހުންނަށް އެހެން ސޮލިއުޝަނެއް ދިނުން.. އަންމަޓީމެން އަތުން ފުލެޓު ގަތް މީހުންނަށް ދިން ކަހަލަ އޮޕްޝަންތަކެއް ދީގެން..
ރިޕްލައި