ކުރީ ސަރުކާރުން ހިޔާ ފްލެޓް ދޫކުރަން ކަނޑައަޅާފައިވާ އަގުކަމަށްވާ 5،600ރ. އަށްވުރެ ބޮޑު އަގުގައި ދޫކުރަން ނިންމުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމައި، އިއްޔެ އިއުލާންކޮށްފައިވާއިރު ދޫކުރަން ހަމަޖެހިފައިވާ އަގަކީ 7،000 ރ. އަށެވެ.

މިކަމާގުޅިގެން މިއަދު ޑރ. މުއިއްޒު ވިދާޅުވީ، "ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ވަރަކީ 5،600ރ. އަށްވުރެ ބޮޑު އަދަދެއްކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް. ދޮރާއި ޓައިލްސްއާއެކު ފިނިޝްކޮށްފަ 5،600ރ. އަށް ދެވޭނެ. އަދި 25 އަހަރަށް ބަހާލާނަމަ 3،800ރ. އަށް ދެވޭނެ."

އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ޑައުން ޕޭމެންޓަކާއި ނުލައި ހިޔާ ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ އަގަކީ 7،500ރ. ކަމަށެވެ. އަދި 7،500ރ. އަށް ދޫކުރުމުން ވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ގެއްލުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، ހިޔާ ފްލެޓްގެ މަޝްރޫއު ހިންގުމާއި ކުރީ ސަރުކާރުގައި ހަވާލުވެ ހުންނެވި އޭރުގެ މިނިސްޓަރު ޑރ. މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފަ އެވެ.