ލާމު ލިންކް ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި ހުރަހަށް މަޑުކުރި ސައިކަލެއްގައި ކާރު ޖެހިގެންކަން އެނގިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ހަތެއް ޖަހާކަންހާއިރު ލާމު ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާގެ ފައިބިނދި ފަހަތުގެ އިން މީހާގެ ފައިގައި ރެނދުލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަނިޔާ ވެފައި ވަނީ ދެ ފިރިހެނުންނަށެވެ. އޭގެ ތެރެއިން ފައި ބިނދުނު މީހާގެ ފައިގެ ސާޖަރީ ހެދުމަށް މިއަދު ވަނީ މާލެ ގެނެސްފަ އެވެ.

ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކާރާއި ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ ރަށުން "ހުރިހާ" އާ ވާހަކަ ދެއްކި މީހަކު ބުނީ ލ. ގަމު މަތިމަރަދޫ އަވަށާއި މުކުރިމަގު އަވަށް ދެމެދު ހައިވޭގައި ސައިކަލާއި ކާރު ޖެހުނީ ސައިކަލު ހައިވޭ މެދުގައި މަޑުކޮށްގެން ތިބުމުގެ ސަބަބުން ކަމަށެވެ. އަދި އެކްސިޑެންޓު ހިނގި ސަރަހައްދަކީ ލައިޓްތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ވަރަށް އަނދިރިކޮށް އޮންނަ ސަރަހައްދެއް ކަމަށްވެސް އޭނާ ބުންޏެވެ.

"ސައިކަލް ހައިވޭގައި މަޑުކުރީ އެއްޗެއް ވެއްޓުމުން ހޯދަން ކަމަށްވަނީ،" އޭނާ ބުންޏެވެ.

ހައިވޭތަކަކީ ބާރު ސްޕީޑްގައި އުޅަނދު ދުއްވާ ސަރަހައްދަކަށް ވާއިރު، ހައިވޭ މެދަށް ސައިކަލް މަޑުކުރުމަކީ ޓްރެފިކް ގަވައިދާ ހިލާފު ކަމެކެވެ. އަދި ލާމު ލިންކް ރޯޑަކީ އެކި ސަރަހައްދުތަކުގައި ދުއްވުމަށް ވަކި ސްޕީޑްތަކެއް ކަނޑައަޅާފައިވާ މަގެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.