މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ބައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވުމުގެ އިތުރުން ވިއްސާރަކުރާނެކަމަށް ލަފާކޮށްފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.