މިފަހަރުވެސް ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރުވެސް ފިޗުން ދެފަހަރަށް ރާއްޖޭގެ ރޭޓިން ދަށްކުރިއިރު، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު "ބީ ނެގެޓިވް" ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ވަނީ "ސީސީ" އަށް ދަށްކޮށްފަ އެވެ.

މިފަހަރުވެސް ފިޗްއިން މި ރޭޓިން ވަނީ ދަމަހައްޓާފަ އެވެ. ރާއްޖެއިން ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން ފިޗުން ބުނި ގޮތުގައި މިއަހަރުގެ ދެވަނަބައިގައި 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އަންނަ އަހަރު ދަރަނި ސާވިސް ކުރަން 1.1 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ އެވެ. އަދި ރޭޭޓިން ކޮމެންޓްރީގައި ބުނީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ނުހިމަނައި ރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި ހުރީ 28 މިލިއަން ޑޮލަރު ކަމަށެވެ.

ރާއްޖޭގެ ދަރަނިތައް ރީފައިނޭންސް ކުރުމަށާއި ބޭރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ފިޗުން ބުނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތަކަށް އަމަލު ނުކުރެވުމުގެ ސަބަބުން ޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ފިޗުން ލަފާ ކުރާގޮތުގައި، މިހާރު 114.5 ޕަސެންޓުގައި ހުރި ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) 125 ޕަސެންޓަށް ދައުލަތުގެ ސީދާ ދަރަނި އަރާނެ އެވެ.

ފިޗް ގެ އިތުރުންވެސް ދެން އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ވެސް ވަނީ މެއި 16 ގައި ދަމަހައްޓާފަ އެވެ. އެ އެޖެންސީން "ނޮން-އިންވެސްޓްމެންޓް" ގްރޭޑެއް ކަމަށްވާ "ސީއޭއޭ-2" ރާއްޖެއަށް ދީފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާތަން ނުފެންނާތީ އެވެ.