ހުޅުމާލޭގައި ސީލައިފް އިން ހިންގި ހައުސިން މަޝްރޫއުއާ ގުޅިގެން އެ ކުންފުނީގެ އަތުން 49 މިލިއަން ރުފިޔާ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދައުވާ ކުރުމަށްފަހު އެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

އެޗްޑީސީން ސީލައިފްއާ ދެކޮޅަށް ދައުވާކުރީ ސީލައިފް އިން ހަދަން ހަވާލުވި ފްލެޓްތަކުގެ މަސައްކަތް ނުނިމި، އެ ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް މީހުން ދެއްކި ފައިސާ އަނބުރާ ދައްކާފައިނުވާތީ އެ މީހުންނަށް އެޗްޑީސީން ދިން 46 މިލިއަން ރުފިޔާ އާއި މިހާތަނަށް ނުދެވި ހުރި ދެ މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަދުތައް ހިމެނޭގޮތުން 49 މިލިއަން ރުފިޔާ ހޯދުމަށެވެ.

ނަމަވެސް އެ ދައުވާ އަނބުރާ ގެންދަން އެޗްޑީސީން ސިވިލް ކޯޓަށް ސިޓީ ފޮނުވުމުން ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ބާތިލް ކުރުމަށެވެ.

ހުޅުމާލޭގައި 3،000 އެޕާޓްމަންޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލްއާ ދެމެދުގައި ސޮއިކުރީ މާޗު, 2014 ގަ އެވެ. ނަމަވެސް ސީލައިފުން އެ އެއްބަސްވުމާ ހިލާފްވެ އަދި އެ މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލްކުރީ ޑިސެމްބަރު، 2018 ގަ އެވެ.

ސީލައިފްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ކޮށްފަ އެވެ