މެނިންގޮކޯކޮލް ބަލީ ފެނުނު މީހާގެ ކޮންޓެކްޓް ޓްރޭސިން ނިމިފައިވާކަމަށާއި، އެ ބަލީގެ އިތުރު ކޭސް އެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކޮންޓެކްޓުވި އެކަކު ގައިން ވެސް ބަލީގެ އަލާމާތެއް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި މިހާތަނަށް އިތުރު ކޭސްއެއް ވެސް ނެތް ކަމަށެވެ.

ރާއްޖެއިން މެނިންގޮކޯކަލްބަލި ފެނުނީ މެލޭޝިއާއިން ރާއްޖެއަށް އައި 24 އަހަރުގެ ޒުވާނެއްގެ ގައިންނެވެ. އޭނާ އަށް ފަރުވާ ދެމުންދަނިކޮށް މިމަހުގެ 6 ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ.

މެނިންގޮކޯކަލް ޑިޒީޒް އަކީ މެނިންގޮކޯކަލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ.

މި ބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކަލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.