މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އިތުރަށް ބޮޑުވެއްޖެނަމަ، ދިވެހި ރައްޔިތުންގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރާނެ ކަމަށްް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހަށް ދިން މައުލޫމާތެއްގައި، އަމްރު ވިދާޅުވި ގޮތުގައި ތެލުގެ އަގު އުފުލުމުން، ދަތުރުފަތުރާއި ކަރަންޓު ބިލާއި އަދި ކާބޯތަކެތީގެ އަގުތައް ވެސް މައްޗަށް ދާނެ އެވެ.

މީގެ ސަބަބުން ރައްޔިތުންގެ ދުވަހުގެ ހަރަދު އިތުރުވެ، އާމްދަނީ މަދުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިދިޔަ އަހަރު އެކަނި ވެސް ތެޔޮ އެތެރެކުރުމަށް 700 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް އަމްރު ވިދާޅުވި އެވެ.

ހަމައެހެންމެ، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ތެލުގެ އަގު ބޮޑުވުމުން އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިގުލައިގެން ދާނަމަ، ތެލުގެ އަގު އިތުރަށް ބޮޑުވެ، ރާއްޖެ ފަދަ ގައުމުތަކަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އަމްރު ވިދާޅުވި އެވެ. މި ކަންކަމާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން ފާހަގަކުރައްވައި އެކަމަށް އޭނާ ވަނީ އެކަމަށް ގޮވާލައްވާފަ އެވެ.