ރާއްޖޭގައި ގުނަވަން ބަދަލުކުރުމާ ގުޅޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް ނިންމާލެވިފައިވާ ކަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ހާމަކުރައްވައިފި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޑްރާފްޓް އެކުލަވާލެވިފައިވަނީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންގެ ލަފާގެ މަތިންނެވެ. ނަމަވެސް، މި ގާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި މަޝްވަރާތައް ނިމުމުން ގާނޫނު މަޖިލީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކްސްޕާޓުންނާއި ދިވެހިރާއްޖޭގެ ހެލްތު ޕްރޮފެޝަނަލްސްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ ގާނޫނު މިހާރު އެކުލަވާލެވި ފުރަތަމަ ޑްރާފްޓް ތައްޔާރު ކުރެވި ދެން އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. މަޝްވަރާތައް ނިމުމާއެކު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އެ ގާނޫނު ފޮނުވާނަން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި މި ގާނޫނު ފާސްވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރުމަށް ރާއްޖޭގެ އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް އަމިއްލަ ހޮސްޕިޓަލްތަކުގައި މިހާރުވެސް ކިޑްނީ ބަދަލުކުރުމުގެ ވަސީލަތްތައް ގާއިމްކުރެވިފައިވާ ކަމަށް ބެލެވެ އެވެ. ނަމަވެސް މި ގާނޫނު ނެތުމުގެ ސަބަބުން އެފަދަ އޮޕަރޭޝަންތައް ކުރުމުގެ ހުއްދަ އަދި ދެވިފައެއް ނުވެ އެވެ.