ޕީއެސްއެމްގެ ކުރީގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދުއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން 300،000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ދުވަސް ތެރޭގައި ދެ ކިޑްނީވެސް ފެއިލްވެ ސާއިދު މިހާރު ދިރިއުޅެމުން އަންނަނީ ޑައިލިސިސްގެ އެހީގަ އެވެ.

ކިޑްނީ ޓްރާންސްޕްލާންޓެއްގެ އުއްމީދުގައިހުރި ސާއިދު އަށް އެފްއޭއެމް އިން ލިބުނު އެހީއަކީ އޭނާ އެކަމަށް ކުރަމުން އައި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ދިވެހި ޕްރިމިއާ ލީގުގެ މިއަދު ހަވީރު އޮތް މެޗުގެ ކުރިން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން އެ އެހީ ސާއިދުއާ ހަވާލު ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެހީއާ ހަވާލު ވުމަށް ފަހު ސާއިދު އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދިވެހި ފުޓުބޯޅަ އާއިލާއިން ނަމޫނާ ދައްކައިފިކަމަށާއި 12 އަހަރު ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކޮށްފި ކަމުގެ އިހުސާސް ވެއްޖެ ކަމަށެވެ.

ސާއިދުއަކީ ފުޓްބޯޅަ އާއިލާގެ މުހިއްމު މެމްބަރެއް ކަމަށާއި އެއީ އިޚްލާސްތެރި ބައްޕައެއްގެ އިތުރުން ގައުމީ ހިދުމަތްތެރިއެއްކަން ފާހަގަ ކުރަމުން އެފްއޭއެމް އިން ބުނީ ފުޓްބޯޅަ އާއިލާގެ މެމްބަރުންނަށް އެހީވުމަކީ އެ އެސޯސިއޭޝަންގެ އެއް މަގްސަދު ކަމަށެވެ.

ސާއިދު އަކީ ބަލިވެ އުޅެމުންވެސް ދިވެހި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކަކަށް ހާޒިރުވެ ކޮމެންޓްރީގައި ބައިވެރިވަމުން އަންނަ ހިތްވަރުގަދަ ނޫސްވެރިއެކެވެ.